ENGLISH

02 ޖުލައި 2025

Advertisement

ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ލޮސް އެންޖެލީސްގައި ރޭގަނޑު ކާފިއު ހިންގަން ފަށައިފި

11 ޖޫން 2025

|

ހަސަން އާމިރު

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލީސް ސިޓީގައި ބިދޭސީން އިސްވެ ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައިވާއިރު، ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން، އެ ސިޓީގައި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގަން ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ލޮސް އެންޖެލީސްގައި އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

އައިސްއިން މި އޮޕަރޭޝަން ފަށާފައިވަނީ، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ދަށުންނެވެ.

ސުލްހަވެރިކަމާ އެކު ފެށި މުޒާހަރާގައި ހަމަނުޖެހުންތައް ހިނގަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. މިގޮތުން، އާންމުން ފިހާރަތައް ލޫޓުވުމާއި ތަކެއްޗަށް ގެއްލުން ދިނުން ފަދަ ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.

އެއާ އެކު، ލޮސް އެންޖެލީސްގެ 2.5 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ހެނދުނު 6:00 އާ ހަމައަށް ކާފިއު ހިންގަން ނިންމައި، އެކަން ވަނީ އެ ސިޓީގެ މޭޔަރު އިޢުލާނުކުރައްވައިފައެވެ.

މިގޮތުން، ކާފިއު ހިންގާފައި އޮންނަ ވަގުތު، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި، ސަލާމަތީ ބާރުތަކާއި ނޫސްވެރިން ފިޔަވައި، އިތުރު ބަޔަކަށް މަގުތަކުގައި އުޅުން މަނާވާނެކަމަށް، މޭޔަރު ކެރެން ބާސް ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހު އެކަނިވެސް އާންމުން 23 ފިހާރައެއް ލޫޓުވައި، ގެއްލުންތައް ދީފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރެއިން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ލޮސް އެންޖެލީސްގެ އިތުރުން، ނިއު ޔޯކް، އެޓަލަންޓާ، ސެން ފްރެންސިސްކޯ އަދި ޝިކާގޯ ވެސް މިހާރު ވަނީ މުޒާހަރާތައް ފަށައިފިއެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނެޝަނަލް ގާޑުގެ 4،000 ސިފައިންގެ އިތުރުން 700 މެރީންސްގެ ސިފައިން ވެސް ނެރެން ނިންމަވައިފައެވެ.

ލޮސް އެންޖެލީސްގެ އިތުރުން، އެހެން ސިޓީތަކަށް ވެސް ނެޝަނަލް ގާޑުގެ ސިފައިން ފޮނުވައި، ހަމަޖެހުން ޤާއިމުކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ކެލިފޯނިއާ ސްޓޭޓް ސަރުކާރުގެ ހުއްދަ ނެތި، ނެޝަނަލް ގާޑުގެ ސިފައިން ނެރުމުން، ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިއީ މައި ސަރުކާރުން ބާރުގެ ނާޖާއިޒު ބޭނުންކުރުން ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ވިދާޅުވެފައެވެ.

އެއާއެކު، ޓްރަމްޕްގެ އެ އެންގެވުން ބާތިލުކުރަން، ނިއުސަމްގެ އޮފީހުން މިހާރު ވަނީ ފެޑެރަލް ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު