ENGLISH
01 ޖުލައި 2025
ވިދުންގަދަ ތަރި، ޗާކީގެ ސޮއި ސިޓީން ހޯދައިފި
10 ޖޫން 2025
|
ޗާކީ (ވ) ސިޓީގެ އެއްބަސްވުމުގައި ސޮއި ކުރަނީ. ފޮޓޯ: މެންޗެސްޓަރ ސިޓީ
މެންޗެސްޓަރ ސިޓީ އިން ފްރާންސްގެ އޮލިމްޕިކް ލިޔޯން އަށް ކުޅެމުންއައި ރަޔާން ޗާކީގެ ސޮއި ހޯދުމުގައި ކާމިޔާބު ހޯދައިފިއެވެ.
އުމުރުން 21 އަހަރުގެ ޗާކީ، ސިޓީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޑީލާ ގުޅޭ މާލީ ތަފްޞީލް ހާމަކޮށްފައިނުވީނަމަވެސް، އިނގިރޭސި ނޫސްތަކުން ބުނާގޮތުން ލިޔޯނުން ޗާކީގެ ސޮއި ހޯދުމަށް ސިޓީން ވަނީ ގާތްގަނޑަކަށް 45.70 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދެއް ދޭން އެއްބަސްވެފައެވެ.
"މިއީ އަހަރެންގެ ހުވަފެނެއް. ތެދު ތެދަށް ބުނަންޔާ، މެންޗެސްޓަރ ސިޓީ ފަދަ ކްލަބާ ގުޅުމަށްފަހު އަހަރެންގެ ކެރިއަރުގައި ދެން އޮތް ފިޔަވަޅު އަޅަން ނިންމި ނިންމުން ވަރަށް ހާއްސަވޭ،" ޗާކީގެ ބަޔާނުގައިވެއެވެ.
ޗާކީ ބުނީ، އޭނާގެ ކެރިއަރުގައި މިހާރު ހުރި މަގާމަށް އައުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ފުޓްބޯޅަ އަށް ނުހަނު ލޯބި ކުރާ ކުޅުންތެރިއަކަށްވެ ހުރެ، މެންޗެސްޓަރ ގައި ޕެޕް [ގާޑިއޯލާ] އާއެކު އިތުރަށް ކުޅުން ތަރައްޤީ ކުރުމުގެ ބާބު ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
ޗާކީ (ކ) ފްރާންސަށް ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އޭޕީ
އަދި، މިހާތަނަށް ނިންމައިގެން ހުރީ ވެސް ރަނގަޅު، ޤަބޫލުކުރާފަދަ ޕްރޮޖެކްޓަކަށް މެނުވީ ލިޔޯން ދޫކޮށްލާ ފަދަ ވިސްނުމެއްގައި ނޫން ކަމަށާއި، ސިޓީ އަކީ އޭނާ އަށް ކުޅުން ތަރައްޤީކޮށް ކުރިމަގުގައި ގިނަ ކާމިޔާބީތައް ހާސިލްކުރެވޭނެ ކްލަބެއް ކަމަށް ވެސް ޗާކީ ބުންޏެވެ.
މިފަހަރުގެ އިންޓަރނޭޝަނަލް ބްރޭކުގައި ފްރާންސްގެ ސީނިއަރ ޓީމަށް ފުރަތަމަ ކުޅެން ފެށި ޗާކީ އަކީ އެޓޭކިންގ މިޑްފީލްޑަރެއްގެ މަގާމުގެ އިތުރުން ކަނާތް ފަރާތު ވިންގަށް ކުޅުމުގެ ޤާބިލްކަން ހުރި ހުނަރުވެރި ކުޅުންތެރިއެކެވެ. ނިމިދިޔަ ސީޒަނަކީ ޗާކީގެ ކެރިއަރުގައި މިހާތަނަށް އެންމެ ފާހަގަކޮށްލެވުނު ސީޒަނެވެ. އޭނާ ވަނީ، ލިޔޯން އާއެކު ހުރިހާ މުބާރާތެއްގައި ކުޅުނު 40 މެޗުގައި 12 ލަނޑުޖަހައި، އިތުރު 20 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.
ޗާކީ އަކީ ސިޓީން މި ފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ، ވުލްވްސް އަށް ކުޅެމުންއައި އަލްޖީރިއާގެ ޑިފެންޑަރު، ރަޔާން އައިތު-ނޫރީ އާއި މާކަސް ބެޓިނެއްލީގެ ސޮއި އަތުލާފައެވެ.
ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ޗާކީގެ ފުރަތަމަ ފެނިލުމަކަށްވެގެންދާނީ މި ޖޫން މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕެވެ. އެ މުބާރާތުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 18 ގައި ނިކުންނާނީ މޮރޮކޯގެ ވީދާދް ކަސަބްލަންކާއާ ދެކޮޅަށެވެ.