ENGLISH
01 ޖުލައި 2025
ޣައްޒާ އިން ފެންނަ މަންޒަރުތަކުން ހަށިގަނޑަށް ލިބެނީ ވޭން: ގާޑިއޯލާ
10 ޖޫން 2025
|
މެންޗެސްޓަރ ސިޓީގެ ކޯޗު، ގާޑިއޯލާ. ފޮޓޯ: ގެޓީ އިމޭޖަސް
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފެންނަ މަންޒަރުތަކުން ހަށިގަނޑަށް ލިބެނީ ވޭންދެނިވި އަނިޔާތަކެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނީ، މެންޗެސްޓާ ސިޓީގައި އޭނާ ހާސިލްކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން އެރުވި، އޮނޮރަރީ ޑޮކްޓަރޭޓް ލިބުމަށް ފަހު ދިން ބަސްދީގަތުމުގައެވެ.
"ޣައްޒާގައި އަހަރެމެންނަށް ފެންނަ މަންޒަރުތަކަކީ ވަރަށް ވޭންދެނިވި މަންޒަރުތަކެއް. އަހަރެންގެ މުޅި ހަށިގަނޑަށް ވޭން ލިބޭ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ، މިކަމަކީ އެއްވެސް މީހެއްގެ އައިޑިއޮލޮޖީއަކާ ބެހޭ ކަމެއް ނޫން ކަމަށާއި، އަދި އެއީ އެ މީހަކީ ރަނގަޅު ނުވަތަ ގޯސް މީހަކަށްވާތީވެ ވާ ގޮތެއް ވެސް ނޫން ކަމަށެވެ. އެއީ، އެމީހެއް ދިރިއުޅުމާމެދު އިންސާނިއްޔަތަށް އޮންނަ ލޯތްބެއްގެ ސަބަބުން އަވަށްޓެރިޔާއަށް އޮންނަ ގާތް ކަމެއްގެ ސަބަބުން އޯގާތެރިވުމާވެސް ގުޅުންހުރި ކަމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
"އަހަރެމެންނަށް މިއަދު މި ފެންނަނީ ހަތަރު އަހަރުގެ އަންހެން ކުއްޖެއް ނޫނީ ފިރިހެން ކުއްޖެއް ބޮމުގެ ހަމަލާއެއްގައި މަރުވާ މަންޒަރު، ނޫނީ ހޮސްޕިޓަލުގައި އޮއްވާ މަރުވާ ހާލަތަށް ދާ މަންޒަރު، ފަހަރުގައި މިއީ މިހާރު އެތަނަކީ ހޮސްޕިޓަލަކަށް ނުވާތީވެ ވާ ކަމަކަށް ވެސް ވެދާނެ. ސީދާ މިއީ އަހަރެމެންނާ ގުޅުމެއް ނެތް ކަމެއްގެ ގޮތުގައި ބައެއް މީހުން ބުނެފާނެ،" ގާޑިއޯލާ ބުންޏެވެ.
"އަހަރެމެން އެބަޖެހޭ މިކަމާ ވިސްނާލަން. މާދަމާ ފަހަރުގައި މިކަންކަމާ ކުރިމަތިލާންޖެހެނީ އަހަރެމެންގެ ދަރީންނަށް ކަމެއް ނޭނގޭ، މިފަދަ މަންޒަރުތައް ޣައްޒާގެ ކުޑަކުދިންނާ މީހުންނަށް ކުރިމަތިވާތަން ފެންނާތީވެ އަހަރެން ވަރަށް ބިރުގަނޭ."
އިޒްރޭލުން ޒަމާނުއްސުރެ ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، ހިންގަމުންދާ ލާއިންސާނީ އަމަލުތައް މެދުކެނޑުމަކަށްފަހު ފަށާފައިވަނީ އޮކްޓޫބަރު 2023 ގައި ޙަމާސް އިން އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އެގޮތުން، އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.