ENGLISH
01 ޖުލައި 2025
އަލްކަރާޒް، ފްރެންޗް އޯޕަންގެ ތަށި ދިފާއުކޮށްފި
09 ޖޫން 2025
|
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަލްކަރާޒް ޓްރޮފީއާއެކު. ފޮޓޯ: ރޮއިޓާސް
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ފަހަތުންއަރައި އިޓަލީގެ ޔަނިކް ސިނާ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލެއްގައި ސިނާ އަތުން އަލްކަރާޒް މޮޅުވި ދެވަނަ ފަހަރެވެ. އެންމެ ފަހުގެ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ވެސް އަލްކަރާޒް ވަނީ ސިނާ ބަލިކޮށްފައެވެ.
މިއީ އުމުރުން 22 އަހަރުގެ އަލްކަރާޒްގެ ފަސްވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. އޭނާ ވަނީ، މިހާތަނަށް ވާދަކުރި ގްރޭންޑް ސްލޭމް ފަސް މުބާރާތުގެ ފައިނަލުން ވެސް މޮޅުވެފައެވެ.
މި މެޗުން އަލްކަރާޒް މޮޅުވީ 3-2 ސެޓުންނެވެ.
ޕެރިހުގެ ފިލިޕް-ޝެޓްރިއޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ފަސް ގަޑިއިރާއި އޮނަތިރީސް މިނެޓަށް ދިގުދެމިގެންދިޔައިރު، ފުރަތަމަ ދެ ސެޓުގައި 6-4 ،(4)7-6 އިން ކުރިހޯދައި، މުބާރާތުގެ އެއްވަނަ ސީޑު، ސިނާ ހަމަޖެހިލިއެވެ.
މެޗަށްފަހު އަލްކަރާޒް (ކ) އާއި ސިނާ ސަލާމް ކުރަނީ. ފޮޓޯ: ރޮއިޓާސް
ނަމަވެސް، ދެން ކުޅެވުނު ތިން ސެޓު ކާމިޔާބުކޮށް، އަލްކަރާޒް ވަނީ ތާރީޚުގެތެރެއަށް ޖެހިލައިފައެވެ. ތިންވަނަ ސެޓުން 6-4 އިން ކުރިހޯދައި، އެއަށްފަހު ދެން ކުޅެވުނު ދެ ސެޓު ވެސް ޓައިބްރޭކުގައި 7-6(3) 7-6(10-2) އިން ކާމިޔާބުކޮށް އަލްކަރާޒް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މި ކާމިޔާބީއާއެކު، އަލްކަރާޒް ވަނީ 1968 ގައި ޓެނިސް ޕްރޮފެޝަނަލް ވުމަށްފަހު، ފުރަތަމަ ފަސް ގްރޭންޑް ސްލޭމް ސިންގަލްސް ފައިނަލްގައި މޮޅުވި ދެވަނަ ފިރިހެން ކުޅުންތެރިޔާގެ ގޮތުގައި ޝަރަފު ހޯދާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަތުގައެވެ.
އާދިއްތަ ދުވަހުގެ ފަސް ގަޑިއިރަށްވުރެ ދިގުވެގެންދިޔަ ފައިނަލް މެޗަކީ އޯޕަން އެރާގެ ދެވަނައަށް އެންމެ ދިގު ގްރޭންޑް ސްލޭމް ފައިނަލެވެ. އަދި 1968 އިން ފެށިގެން އައިއިރު، ގްރޭންޑް ސްލޭމް ފައިނަލެއްގައި މެޗް ޕޮއިންޓަކުން ސަލާމަތްވެ ކާމިޔާބު ހޯދި ހަމައެކަނި ތިންވަނަ ފަހަރުވެސް މެއެވެ.
އަނެއްކޮޅުން، މިއީ މަނާބޭސް ބޭނުންކުރުމުގެ ސަބަބުން އައި ތިން މަހުގެ ސަސްޕެންޝަނަށްފަހު ސިނާ ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ.