ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާގައި އެހީ ބަހަން އަލުން ފެށުމާއެކު، އާންމުންގެ ތެރެއަށް އަނެއްކާވެސް ބަޑިޖަހައި އެތައް ބަޔަކު ޝަހީދުކޮށްލައިފި

08 ޖޫން 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެމެރިކާ އާއި އިޒްރޭލުން އުފައްދާފައިވާ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މަރުކަޒުތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލައި، އެހީ ބަލައި ދިޔަ އާންމުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި އިތުރު ހަ މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތަށް މަޑުޖައްސައިލީ، އެ ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް ބޮޑުވެ، ބަޑިޖަހައި އެތައް ބަޔަކު ޝަހީދުކޮށްލުމުން، ބައިނަލްއަޤުވާމީ ފިއްތުންތައް ބޮޑުވުމުންނެވެ.

އެހީދޭ މަރުކަޒުތައް ބަންދުކުރީ، އިންތިޒާމުތައް އިތުރަށް ހަރުދަނާކުރަން ކަމަށް ބުނެއެވެ.

ނަމަވެސް، އެ މަރުކަޒުތައް އަލުން ހުޅުވައިލުމުން، ޣައްޒާގެ ރަފާޙްގައި ހުރި މަރުކަޒެއްގެ ދޮށަށް އެހީ ބަލައި އެއްވި މީހުންގެ ތެރެއަށް ބަޑިޖަހައި ހަ މީހަކު ޝަހީދުކޮށްލުމުގެ އިތުރުން، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ މަދަނީ ދިފާޢީ އިދާރާގެ ތަރުޖަމާނު މަހްމޫދު ބައްސަލް ވިދާޅުވިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ، އެހީ ދޭ މަރުކަޒަށް އަރައިގަތުމަށް ބަޔަކު މަސައްކަތްކުރުމުން، އިންޒާރު ދިނުމުގެ ގޮތުން ސިފައިން ބަޑިޖަހާފައިވާ ކަމަށެވެ.

ޖީއެޗްއެފް ފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.

އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.

ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.

ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު