ENGLISH

12 ޖުލައި 2025

Advertisement

އިންޓަރ ސްކޫލް ކެރަމް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

05 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރސްކޫލް ކެރަމް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސީއޭއެމް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މިއަހަރު ކުރިއަށްގެންދިޔަ އިންޓަރސްކޫލް ކެރަމް ޗެމްޕިއަންޝިޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިދިޔަ މެއި މަހުގެ 24 އިން 31 ގެ ނިޔަލަށް ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައެވެ.

މުޅިއެކު، 500 އާ ގާތްކުރާ އަދަދަކަށް ސްކޫލް ދަރިވަރުން ބައިވެރިވިއިރު، މާލެ އާއި އަތޮޅުތެރެ ހިމެނޭ ގޮތަށް 17 ސްކޫލަކުން ވަނީ އިންޓަރސްކޫލް މުބާރާތުގައި ވާދަކޮށްފައެވެ. މި މުބާރާތުގައި މާލޭން ބޭރުން ބައިވެރިވީ ބ. ގޮއިދޫ ސްކޫލުންނެވެ.

މި މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ތާޖުއްދީން ސްކޫލުގެ ހޯލްގައި ބާއްވާފައިވާއިރު، މުބާރާތުން ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި، މެޑަލް އާއި ޓްރޮފީ ވަނީ ދީފައެވެ.

މި ފަހަރުގެ އިންޓަރސްކޫލް މުބާރާތުގެ ރަންވަނަތައް ހާސިލްކުރި ފަރާތްތަކަށް ބަލާއިރު، ޓީމު އިވެންޓްގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ބައިގެ ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ބައިގެ އިތުރުން 12 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ބައިން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިންގެ ބައިން އިމާދުއްދީން ޗެމްޕިއަންކަން ހޯދިއިރު، މިބައިގެ އަންހެން ކުޅުންތެރިންގެ ޗެމްޕިއަނުންނަކީ ތާޖުއްދީން ސްކޫލެވެ. މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިންގެ ބައިގެ ޗެމްޕިއަންކަން ހޯދީ ޤާޒީ ސްކޫލެވެ.

މީގެއިތުރުން، މުބާރާތުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށްވެސް ވަނީ ހަނދާނީ ލިޔުމާއި، މެޑެއްޔާއި ޓްރޮފީ ދީފައެވެ.

މިފަހަރުގެ އިންޓަރސްކޫލް ކެރަމް މުބާރާތް ބާއްވާފައި މިވަނީ އަހަރެއްގެ މެދުކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން އިންޓަރސްކޫލް ކެރަމް މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު