ENGLISH
12 ޖުލައި 2025
ލީގު ކަޕަށް ފަހު މިހާރު ކުޅުންތެރިންގެ އިތުބާރު ބޮޑުވެއްޖެ: ސުޒޭން
05 ޖޫން 2025
|
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު، ސުޒޭން ވާހަކަދައްކަނީ. ފޮޓޯ: އެފްއޭއެމް
އެންމެ ފަހުން ބޭއްވި އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު މިހާރު ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ޤައުމީ ޓީމުގެ ކޯޗު، އަލީ ސުޒޭން ބުނެފިއެވެ.
ސުޒޭން މިހެން ބުނީ، ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ސިންގަޕޫރުގައި އެ ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސިންގަޕޫރު ޓީމެކޭ އެއްފަދައިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވެސް އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި، މިއާއެކު ދެ ޓީމު ވެސް މި މެޗަށް ނުކުންނައިރު އޮތީ ގާތްގަނޑަކަށް އެއް ހާލެއްގައި ކަމަށް ސުޒޭންގެ ބުންޏެވެ.
"އަހަރެމެން އުއްމީދުކުރަނީ، އަހަރެމެން ކުޅުނު ކުރު މުބާރާތް (އެފްއޭއެމް ލީގު ކަޕް) އަށްފަހު ރަނގަޅުވާނެ ކަމަށް. ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވޭ. އުއްމީދަކީ ފިލިޕީންސް މެޗަށް ވުރެން ރަނގަޅުވާނެ ކަމަށް،" ސުޒޭން ބުންޏެވެ.
މީގެ 34 އަހަރު ކުރީން، ކުޅުނު އޮލިމްޕިކް ކޮލިފައިންގައި 2-2 އިން ސިންގަޕޫރާ އެއްވަރުވިފަހުން، އެ ޓީމާ ދެކޮޅަށް ކުޅެފައިވާ މެޗުތަކުގައި ރާއްޖޭން ރަނގަޅު ނަތީޖާތަކެއް ނެރެފައިނުވުމާއެކު ކުރިއަށް އޮތް މެޗުގައި އެކަންކަން ބަދަލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ސުޒޭން ބުންޏެވެ.
އޭރު ކުޅުންތެރިއެއްގެ ގޮތުގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ބައިވެރިވެފައިވާތީވެ، ކުރިއަށް އޮތް މެޗުގައި އޭނާގެ އިރުޝާދުގެ ދަށުން ދިވެހި ޓީމުން ހޯދާ ނަތީޖާއާ މެދު އިންތިޒާރުކުރުމަށް ވެސް ސުޒޭން ބުނެފައިވެއެވެ.
މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މާރިޗް މަހު، ފިލިޕީންސްގައި އެ ޓީމު އަތުން ބަލިވީ 4-1 އިންނެވެ.
ސުޒޭން ބުނީ، ސިންގަޕޫރާ ދެކޮޅަށް ކުޅެން އޮތް މެޗުގެ މުހިއްމުކަން ބޮޑުވަނީ، އެއަށްފަހު ދެން އޮތް މެޗުގައި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަޖުބޫރުވެފައި އޮތުން ކަމަށެވެ.
ސިންގަޕޫރުން އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނީ 2022 ގައެވެ. އެ ފަހަރު ސިންގަޕޫރުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-1 އިންނެވެ.