ENGLISH

12 ޖުލައި 2025

Advertisement

ދަގަނޑޭ ނިއުއާ ގުޅުމަކީ، މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނު ކުރިއެރުމެއް: ޗެއާމަން މުބީން

05 ޖޫން 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން، ދަގަނޑޭ ނިއު އަށް ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އޭއެފްސީ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤު އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރިއައިސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުމަކީ މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނު ކުރިއެރުމެއް ކަމަށް އެ ކްލަބުގެ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ނިއުގެ ޗެއާމަން، މުބީން މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އަޝްފާގު ނިއުރޭޑިއަންޓާ ގުޅުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ކްލަބަށް ލިބުނު ކުރިއެރުމެއް ނޫން. އެއީ މުޅި ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް އަދި ކުރިއެރުމެއް. އަޅުގަނޑުމެން އެންމެން މިތިބީ އަޝްފާގުގެ ކުޅުން ފެނުމަށް ވަރަށް ބޮޑަށް އިންތިޒާރުގައި. އެދުވަސްވަނީ އިރާދަކުރެއްވިއްޔާ ދާދި ގާތުގައި،" މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ، ނިއުގެ ފުޓްބޯޅައިގެ ހަޔާތުގައި ކަޅު ދުވަސްތަކަކަށްފަހު މިއަދު މި ތިބެވެނީ ކޮންމެވެސް ވަރަކަށް ދިރުމެއް ލިބޭ ހިސާބަކަށް އާދެވިފައި ކަމަށާއި، އެގޮތުން، އަޝްފާޤު އެ ކްލަބުން ފެނުމަކީ އެންމެންގެ އުއްމީދެއް ކަމަށެވެ.

ރާއްޖޭގެ އެންމެ މަގްބޫލު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގައި ހުރި އަޝްފާޤުގެ ހުނަރުވެރިކަމާއި ޓެކްނިކަލީ ލިބިފައިވާ ގާބިލްކަމުގެ ސަބަބުން ނިއު އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.

"ކުރިޔަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓުން ފެންނާނީ އިރާދަކުރެއްވިއްޔާ ވަރުގަދަކޮށް. އަޝްފާޤް ޓީމާއި ގުޅުމުން އަޝްފާޤުގެ ތަޖުރިބާއާއި ހުނަރު އެހެން ޒުވާން ކުޅުންތެރިންނާ އެކުގައި ޓީމުފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި،" މުބީން ވިދާޅުވިއެވެ.

މީގެކުރީން، ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅެފައިވާ ދަގަނޑޭ ވަނީ އެ ޓީމާއެކު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެ ފަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރިއިރު ދަގަނޑޭގެ ހިއްސާ ބޮޑެވެ.

ނިއު އިން ދަގަނޑޭ ގެނައުމުގެ މަސައްކަތް ފެށީ، އަންނަ ސެޕްޓެމްބަރު މަހު ފަށާ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތަށެވެ. ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ނިއު ދެވަނަ ޑިވިޝަނަށް ރެލިގޭޓުވީ މާލީ މައްސަލަތަކާ ގުޅިގެން އައި ސަސްޕެންޝަނެއްގެ ސަބަބުންނެވެ. އެ ސަސްޕެންޝަން އުވާލުމުން އެ ޓީމުން ވަނީ މިދިޔަ ދެ އަހަރު ދެވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. އެކަމަކު، ނިއު އަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެވޭ ގޮތެއް ނުވިއެވެ.

އެންމެފަހުން ބޭއްވީ އެފްއޭއެމް ލީގު ކަޕްގައި ވާދަކޮށް ނިއު އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދުވަސްތަކަކަށްފަހު، ފުޓްބޯޅަ އަށް އެނބުރިއައިސް ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުލަބުތަކާ ދެކޮޅަށް އެ މުބާރާތުގައި ކުޅުނު މެޗުތަކުގައި ނިއު އިން ވަނީ އުއްމީދީ ކުޅުމެއްދައްކައި، ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު