ENGLISH
12 ޖުލައި 2025
ބެންގަލޫރު، ފުރަތަމަ ފަހަރަށް އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައިފި
04 ޖޫން 2025
|
ބެންގަލޫރުން އައިޕީއެލްގެ ޓްރޮފީއާއެކު. ފޮޓޯ: ބެންގަލޫރު ޓުވިޓާ
އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު ފައިނަލުގައި ޕަންޖާބް ކިންގްސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އެ ޓީމު، މުބާރާތުގެ 18 އަހަރުގެ ދިގު ތާރީޚުގައި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ޕަންޖާބް އަތުން ބެންގަލޫރު މޮޅުވީ ހަ ލަނޑުގެ ތަފާތަކުންނެވެ.
އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕަންޖާބު ގަސްދުކުރީ ހޮވަން އަރާށެވެ. ބެންގަލޫރު ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 190 ލަނޑުހެދިއެވެ.
ބެންގަލޫރުން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 43 ލަނޑުހެދި ވިރާތު ކޯލީ އެވެ. މި އިނިންގްސްގައި ޕަންޖާބުން އެންމެ ރަނގަޅަށް އުކީ އާޝްދީޕް ސިންގ އާއި ކައިލީ ޖޭމިސަން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.
ރައްދުގައި ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ޕަންޖާބްގެ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 30 ބޯޅައިން 61 ލަނޑުހެދި ސަޝާންކް ސިންގ އެވެ. ބެންގަލޫރުން އެންމެ ގިނަ ވިކެޓްނެގީ ބުވްނޭޝްވަރު ކުމާރު އާއި ކްރުނާލް ޕާންޑްޔާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބެންގަލޫރުގެ އޯލްރައުންޑަރު، ކްރުނާލް ޕާންޑްޔާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުމްބާއީ އިންޑިއަންސްގެ ސޫރްޔަކުމާރް ޔާދަވް އެވެ.
މުޅި މުބާރާތުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިއަކަށްދޭ އޮރެންޖް ކެޕް ހާސިލްކުރީ ގުޖުރާތު ޓައިޓަންސްގެ ސާއި ސުދަރްސަން އެވެ. އޭނާ ވަނީ 15 މެޗުގައި 759 ލަނޑު ހަދައިފައެވެ. އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިޔާއަށްދޭ ޕާޕްލް ކެޕް ހޯދީ ގުޖުރާތުގެ ޕްރަސިދު ކްރިޝްނާ އެވެ. އޭނާ ވަނީ 15 މެޗުގައި 25 ވިކެޓް ނަގައިފައެވެ.