ENGLISH
16 ޖުލައި 2025
އަރްމީނިއާގެ ޔޫތު މުބާރާތުގައި ލައިބާ ވާދަކުރަނީ
03 ޖޫން 2025
|
މީގެކުރީން ބޭއްވި މުބާރާތެއްގައި ލައިބާ ކުޅެނީ. --ފޮޓޯ: ފޭސްބުކް
ޔޫރަޕްގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާ، އަރްމީނިއާގެ ޔޫތު އޯޕަން 2025 ގައި ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ވާދަކުރަން ހަމަޖެހިއްޖެއެވެ.
އަރްމީނިއާގެ ޔެރެވާންގައި މި ޖޫން މަހުގެ 6 އިން 8 އަށް ކުރިއަށްދާ މުބާރާތުގައި އުމުރުން 13 އަހަރާއި 15 އަހަރުން ދަށުގެ ބައިގައި ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ 92 ކުޅުންތެރިން ވާދަކުރާނެ އެވެ.
އުމުރުން 12 އަހަރުގެ ލައިބާ ވަނީ، މިދިޔަ އަހަރު ބޭއްވީ އަރްމީނިއަން ޔޫތު އޯޕަންގައި ވެސް އެއް ރިހި މެޑެލް އާއި ލޯ މެޑެއްޔެއް ހޯދާފައެވެ. މިފަހަރުގެ މުބާރާތުގައި ވެސް ލައިބާ ވާދަކުރާނީ 13 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓުގައެވެ. މުބާރާތުގެ ޑަބަލްސް އިވެންޓްގައި ލައިބާގެ ޕާޓްނަރަކީ، ސައިޕްރަސްގެ އެމީލިއާ ސޮފޯކްލީއަސް އެވެ. އަދި، މިކްސް ޑަބަލްސް އިވެންޓްގައި ލައިބާގެ ޕާޓްނަރަކީ އަރްމީނިއާގެ އެރިކް އެލޮޔާން އެވެ.
މި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ސިންގަލްސް ބައިގައި ލައިބާ ހިމެނުނީ އަރްމީނިއާގެ ދެ ކުޅުންތެރިން ކަމަށްވާ، މެރީ އަލެކްސަންޔަން އާއި މަރީނާ އަސިލްބެކްޔާން އާއެކު ގްރޫޕް އޭ ގައެވެ. އެ އިވެންޓްގައި ލައިބާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 6 ވާ ހުކުރު ދުވަހު ހަވީރު ނިކުންނާނީ އަރްމީނިއާގެ މަރީނާ އަސިލްބެކްޔާންއާ ދެކޮޅަށެވެ.
މުބާރާތުގެ ޑަބަލްސް އިވެންޓްގައި ލައިބާއާ އެމީލިއާގެ ޕެއާ ބައްދަލުކުރާނީ އަރްމީނިއާގެ ޖުލިއެޓާ މިސަކްޔާން އާއި އައިޑާ ޔެނޮކްޔާންގެ ޕެއާއާ އެވެ. މި މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 32 ގެ ބުރުގައި މެޗެއް ނުކުޅެ، ލައިބާއާ އެރިކްގެ ޕެއާ ވަނީ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފައެވެ. މި އިވެންޓްގައި ލައިބާގެ ޕެއާ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ އަރްމީނިއާގެ އަވެޓް އަލެކްސަންޔަން އާއި އެމިލީ ޓަޑެވޮސްޔަންގެ ޕެއާއާ ދެކޮޅަށެވެ.
މިވަގުތު ރާއްޖޭގެ 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމުގައި ހުރި ލައިބާ އެންމެ ފަހުން ވާދަކުރީ އިޓަލީ މުބާރާތުން ވަނީ ދެ ލޯ މެޑެލް ހާސިލްކޮށްފައެވެ.
ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. "އަރުތަ" ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.