ENGLISH

02 ޖުލައި 2025

Advertisement

ޔޫކްރޭނުން ދިން ވަރުގަދަ ޑްރޯން ޙަމަލާތަކެއްގައި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ގޮއްވާލައިފި

02 ޖޫން 2025

|

ހަސަން އާމިރު

ޔޫކްރޭނުން ރަޝިޔާގެ ސަރަޙައްދަށް ވަދެ، ދިން ވަރުގަދަ ޑްރޯން ޙަމަލާތަކެއްގައި ޔޫކްރޭނަށް ބޮން އަޅަން ބޭނުންކުރާ އަސްކަރީމަތިންދާބޯޓުތަކެއް ގޮއްވާލާފައިވާ ކަމަށް ޔޫކްރޭނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޔޫކްރޭނުން ބުނީ، ރަޝިޔާގެ ހަތަރު އަސްކަރީ ވައިގެ ބަނދަރެއްގައި ޕާކުކޮށްފައިހުރި އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް ޑްރޯން ޙަމަލާތައް ދީފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި ހަތް ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ރަޝިޔާއަށް ލިބިފައިވާ ކަމަށް ވެސް ޔޫކްރޭނުން ލަފާކުރެއެވެ.

މި ޙަމަލާދިނީ، ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ރަޝިޔާ އާއި ޔޫކްރޭނުގެ އިސް އޮފިޝަލުންގެ ދެމެދު ޙަމަލާތައް ހުއްޓައިލުމުގެ މަޝްވަރާތައް ފަށަން ތައްޔާރުވެފައިވަނިކޮށެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ވިދާޅުވީ، މި މަޝްވަރާތަކުގައި ޔޫކްރޭނުގެ ފަރާތުން އެއްވެސް ޝަރުތެއް ނެތި ޙަމަލާތައް ހުއްޓައިލުމާއި، އަސީރުން އަނބުރާ ދިނުމަށް ރަޝިޔާއަށް ހުށަހަޅާނެ ކަމަށެވެ.

ރަޝިޔާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި މަޝްވަރާތަކުގައި ބައިވެރިވާ ރަޝިޔާގެ ވަފްދު އިއްޔެގެ ވަގުތެއްގައި ވަނީ އިސްތަންބުލްއަށް ފުރާވަޑައިގެންފައެވެ.

ކޮންޓެއިނަރުތަކެއްގެ ފޮރުވައިގެން، ޑްރޯންތައް އެތެރެކުރުމަށްފަހު، ޔޫކްރޭނުން ދިން މި ޙަމަލާތަކުގައި ރަޝިޔާގެ 40 އެއްހާ މަތިންދާބޯޓު ގޮއްވާލާފައިވާކަމަށް އެކި މަސްދަރުތަކުން ބުނި ނަމަވެސް، އެކަން އަދި ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރުން ބުނީ، އެ ޙަމަލާތަކުގައި އަސްކަރީ ބައެއް މަތިންދާބޯޓުތަކުގައި ރޯވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި މި ޙަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ޔޫކްރޭނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދިނުމުގައި ރަޝިޔާއިން ވެސް ދަނީ ގިނަ އަދަދެއްގެ ޑްރޯން ބޭނުންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު