ENGLISH
02 ޖުލައި 2025
ޣައްޒާގައި ބެހި އެހީ ހޯދަން އެއްވި މީހުން ތެރެއަށް އިޒްރޭލުން އަނެއްކާވެސް ބަޑިޖަހައި 31 މީހަކު ޝަހީދުކޮށްލައިފި
02 ޖޫން 2025
|
ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެމެރިކާ އާއި އިޒްރޭލުން އުފައްދާފައިވާ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ސަރަޙައްދަކަށް އެއްވި މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން އަނެއްކާވެސް ބަޑިޖަހައި، 31 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ނަމަވެސް، އެ ޖަމްޢިއްޔާ އުފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.
އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން މިދިޔަ ހަފްތާގެ ތެރޭގައި އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު މަހުމޫދު ބައްސަލް ވިދާޅުވީ، ޣައްޒާގެ ދެކުނުގައި އޮންނަ ރަފާޙްގައި އެހީ ބެހުމަށް ޤާއިމުކޮށްފައިވާ މަރުކަޒަކަށް އެއްވި މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖެހުމުން، މިހާތަނަށް 31 މީހުން ޝަހީދުވުމުގެ އިތުރުން، 176 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.
މީގެއިތުރުން، ޣައްޒާގެ މެދުތެރޭގައި ހުރި އެހީ ބަހާ މަރުކަޒަކަށް އެއްވި މީހުން ތެރެއަށް ވެސް އިޒްރޭލު ސިފައިން ބަޑިޖެހި ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ. އެ ހާދިސާގައި ވެސް މީހަކު ޝަހީދުވެ، އިތުރު ތިން މީހަކު ޒަޚަމްވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ބައްސަލް ވިދާޅުވިއެވެ.
ނަމަވެސް، އާންމު އުޞޫލުގެ ދަށުން އިޒްރޭލު ސިފައިންގެ އިތުރުން ޖީއެޗްއެފުން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މި ހާދިސާއާ އެކު ބައިނަލްއަޤުވާމީ އެކި ފަރާތްތަކުގެ ކަންބޮޑުވުން މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ.
ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.
ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.