ENGLISH

02 ޖުލައި 2025

Advertisement

ހާވާޑް ޔުނިވަރސިޓީއަށް ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދިނުން މަނާކުރުން ކޯޓުން ހުއްޓުވައިފި

24 މޭ 2025

|

ހަސަން އާމިރު

ހާވާޑް ޔުނިވަރސިޓީއަށް ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދިނުން މަނާކުރަން އެމެރިކާގެ މައި ސަރުކާރުން ނިންމި ނިންމުން، އެ ޤައުމުގެ ކޯޓަކުން ހުއްޓުވައިފިއެވެ.

ބޮސްޓަންގެ މެސެޗޫސެޓްސް ޑިސްޓްރިކްޓް ކޯޓުން އެ ވަގުތީ އަމުރު މިއަދު ނެރެފައިވަނީ، މައި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފިޔަވަޅު އެޅީ ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީއާ ގުޅިގެން ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމަށް އެ ޔުނިވަރސިޓީން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވަން ކަމަށެވެ.

ހާވާޑް ޔުނިވަރސިޓީ އަކީ މުޅި ދުނިޔޭގައި ވެސް ހިންގާ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީއެވެ.

ހާވަޑް ޔުނިވާސިޓީގެ ސްޓޫޑަންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ އިންފޮމޭޝަން ސިސްޓަމް (އެސްއީވީއައިއެސް)ގެ ސެޓްފިކެޓް މި ވަގުތުން ފެށިގެން ބާތިލުކުރެވިފައިވާ ކަމަށް ނޯމް، އެ ޔުނިވަރސިޓީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވިއެވެ.

އެ ނިންމުމާ ދެކޮޅަށް ހާވާޑް ޔުނިވަރސިޓީން ހުށަހެޅި މައްސަލާގައި، ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނީ، މައި ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެ ޔުނިވަރސިޓީގެ އިތުރުން އެތަނުގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންގެ ޙައްޤުތައް ވެސް ގެއްލިގެން ދިޔުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

އެހެންކަމުން، އެ މައްސަލައިގައި ގޮތެއް ނިންމަންދެން، މައި ސަރުކާރުގެ ނިންމުމަށް ޢަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސައިލަން ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މެއި 27 އަދި 29 ގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

މައި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ އާ ދަރިވަރުން ވެއްދުމުގެ ފުރުޞަތު ބަންދުވުމުގެ އިތުރުން، އެތަނުގައި މިހާރު ކިޔަވަމުންދާ ބޭރުގެ ދަރިވަރުންނަށް ވެސް އެހެން ޔުނިވަރސިޓީތަކަށް ބަދަލުވާން ޖެހެއެވެ.

ހާވާޑް ޔުނިވަރސިޓީއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިތްހަމަނުޖެހުނީ، ޔުނިވަރސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން އެންގި އެންގުންތަކަށް ޢަމަލުކުރަން ދެކޮޅު ހެދުމުންނެވެ.

ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުޞަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން "ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން" ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުޞޫލުތައް ގެންގުޅުން ހިމެނެއެވެ.

މިގޮތުން، ހާވާޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓުގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ވެސް ވަނީ ހިފަހައްޓައިފައެވެ.

އަދި އެ ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރި ކަމުގެ ނަމުގައި، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދިން އިންޒާރުތަކަށް ފަހު ކޮލަމްބިޔާ ޔުނިވަރސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު