ENGLISH

06 މޭ 2026

Advertisement

ބޭންކުގެ ފިޔަވަޅުތަކުގެ ބޭނުމަކީ އާއްމު ޒަރޫރީ ބޭނުންތަކަށާއި ހަގީގީ ޒާތީ ބޭނުންތަކަށް ޑޮލަރު ލިބޭކަން ކަށަވަރުކުރުން: ސައީދު

06 މޭ 2026

|

ޝިފްޒާން އަޙްމަދު

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު

ބޭންކް އޮފް މޯލްޑިވްސްއިން ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ބޭނުމަކީ ފަރުދުންގެ ހަގީގީ ޒާތީ ބޭނުންތަކަށާއި، އާއްމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެކަން ކަށަވަރުކުރުން ކަމަަށް އެ ބޭންކުގެ ތަރުޖަމާނު އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މާލީ ދުޅަހެޔޮކަން ކަށަވަރުކޮށް ބޭރު ފައިސާގެ މުއާމަލާތްތަކުގައި އެންމެ ބޭނުން ބޮޑު ދާއިރާތަކަށް ބޭރު ފައިސާ ލިބޭނެކަން ކަށަވަރުކުރުމުގެ މަގުސަދުގައި ބޭންކުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ފިޔަވަަޅުތަކުގެ ސަބަބުން އާއިލާތަކާއި ދަރިވަރުންނާއި ކުދި ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު ފާޑުވިދާޅުވެފައިވެއެވެ. 

 ފައްޔާޒުގެ ވާހަކަފުޅަށް ރައްދުދެއްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ތަރުޖަމާނު ބޭންކުން ހަރުދަނާކުރި އިޖުރާއާތުތަކާއި އެ ބަދަލުތައް ގެނައި ސަބަބުތައް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވިއެވެ. އެގޮތުން ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ހާލަތުގައި ނޫނީ އެ ކާޑަކުން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސްތަކުގައި ކާޑު ބޭނުންނުކުރެވޭ ގޮތަށް ހަމަޖެއްސީ ކާޑުތަކަށް ކަނޑައެޅިފައިވާ ބޭރު ފައިސާގެ ލިމިޓު ނަހަމަ ގޮތުގައި ބޭނުންނުކުރެވޭކަން ކަށަވަރުކުރުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ. 

ދެން ބޭންކުން ގެނައި ބަދަލަކީ މަދު ބަޔަކު ބޭންކުން ދޫކުރާ ގިނަ އަދަދެއްގެ ޑޮލަރު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި މަންސަތަކުގައި ވިޔަފާރި މުއާމަލާތްތައް ހިންގަމުންދާ މައްސަލަ ހައްލުކުރުމަށް ގެނައި ބަދަލެކެވެ. އެއީ ދުވާލެއްގެ މައްޗަށް ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރުމަށް ވަކި އަދަދެއްގެ ފައިސާ ކަނޑައެޅުމެވެ. އެ ނިންމުމުގެ ނަތީޖާއަކަށްވާނީ އާބާދީގެ ބޮޑު ބައަކަށް ހަގީގީ ޒާތީ ބޭނުންތަަކަށް ޑޮލަރު ބޭނުންކުރަން ފުރުސަތު ފަހިވުންކަމަށް ބޭންކުގެ ތަރުޖަމާނު ވިދާޅުވިއެވެ. 

: ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަންޖެހޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (SMEs) ޑޮލަރު ލިބޭނެ މަގު ވަނީ ފަސޭހަކޮށްދީފައެވެ. ނަމަވެސް، ޓީޓީތައް ބައިބައިކޮށްގެން (Split) ލިމިޓަށްވުރެ އިތުރަށް ޑޮލަރު ހޯދަން ކުރާ މަސައްކަތްތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށް ބޭންކުން ބުނެއެވެ. 

ބޭންކުން ދިން ޔަގީންކަމަކީ ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް މަތީ ޑޮލަރު ލިމިޓު ފޯރުކޮށްދީ ދަމަހައްޓަމުންދާނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން ދަރިވަރުންނަށް 1،200 ޑޮލަރާ ހަމައަށް ކާޑުން މުއާމަލާތްކުރުމަށް ދީފައިވާ ލިމިޓު ދެމިއޮންނާނެއެވެ. އަދި މިހާރު ބޭރުގައި ތިބި ދަރިވަރުންގެ ތެރެއިން މައިންބަފަައިންގެ ކާޑު ބޭނުންކުރަމުންދާ ދަރިވަރުންނަށް ތިން މަސްވަންދެން އެ ކާޑުތައް ބޭނުންކުރެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަތީ ލިމިޓު އޮންނަ ސްޓޫޑެންޓު ކާޑުތައް އެކުދިންނަށް ފޯރުކޮށްދޭނެއެވެ،. 

އަދި ބޭރުގައި ކާޑުތަކުން ޕީއޯއެސް މުއާމަލާތްތައް ކުރެވޭ ލިމިޓު 1،000 ޑޮލަރަށް ބޮޑުކުރި ކުރުމަށް ބަދަލެއް ނުގެންނަކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ ސިއްހީ ކަންކަމަށާއި ދަތުރުފަތުރުގެ ކަންކަމަށް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި 3،000 ޑޮލަރާ ހަމައަށް މުއާމަލާތްކުރެވޭނެ ކަަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު