ENGLISH

06 މޭ 2026

Advertisement

އެންޓި ބުލީ ގާނޫނެއް ފަރުމާކުރަނީ ފިޔަވަޅު އެޅެން ނެތުމުން، ފެށޭ ދައުރުގައި ބިލު ހުށަހަޅާނަން

06 މޭ 2026

|

އައިމިނަތު ޝަފާ

ބަންޑާރަނައިބު އަހުމަދު އުޝާމް

މިހާރު ހުރި ގާނޫނުތަކުގައި ބުލީކުރުން ހުއްޓުވުމުގެ ވާހަކަތައް ބަޔާންވެފައިވީނަމަވެސް ފިޔަވަޅު އެޅޭނެ ގޮތެއް ބަޔާންވެފައި ނުވާކަމަށާއި، އެންޓި ބުލީ ގާނޫނެއް ފަރުމާކުރަނީ އެ ފަދަ ކުށްތަކަށް ގާނޫނީ ފިޔަވަޅު އަޅައި މައްސަލަތައް ގާނޫނީ އިމުގެ ތެރެއިން ހައްލުކުރަންކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ބަންޑާރަނައިބު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ.

ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށް އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ހުސްވި މަހުގެ 27 ވަނަ ދުވަހު އެވެ. 

ބަންޑާރަ ނައިބު ވިދާޅުވީ ބިލު އެކުލަވާލުމަށް ބޭނުންވާ ދިރާސާތައް ނިމި ބިލު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"މިހާރުވެސް ރާއްޖޭގެ ބައެއް ގާނޫނުތަކުގައި އެކަންކަން މަނާކޮށްފައި އެބަ ވޭ. މާބޮޑަށް ފިޔަވަޅުތަކެއް އެޅެން ނެތީ. ތައުލީމާ ބެހޭ ގާނޫނުގައިވެސް އެކަންކަން މަނާކުރާ ގާނޫނުތަކެއް އެބަހުރި. ނަމަވެސް ރާއްޖޭގައި މިފަދަ ކަންކަން ކުރާ ގޮތާއި މިފަދަ ކަންކަން ކުރެވޭ ނިސްބަތަށް ބަލާއިރު މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭނެ ގޮތަކަށް ގާނޫނުތަކެެއް މި ހަދަނީ. މި ބިލުގެ މަސައްކަތްތައް ވެސް އަންނަ ދައުރަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން މިދަނީ،". އުޝާމް ވިދާޅުވި އެވެ. 

އެންޓި ބުލީ  ގާނޫނުގެ ސަބަބުން އެކި ބާވަތްތަކުގެ ބުލީގެ މައްސަލަތައް ހައްލުކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭކަން ސަރުކާރުން ފާހަގަކުރެ އެވެ. މި ބިލުގައި ސުކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމުގެ ސިޔާސަތުތަކެއް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ މެދު ފިޔަވަޅުއަޅާނެ ނިޒާމެއް އެކުލަވާލުމާއި، ގަވާއިދުން މައްސަލަ ސެންޓަރަލް އޭޖެންސީއަކަށް ހުށަހެޅުމާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ތަފްސީލު ކުރުމުގެ އިޖުރާއަތުތައް ހިމެނޭނެކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ. 

ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާއިރު މިފަހުން ހިނގި މިފަދަ ހާދިސާތަކަކާއެކު އާންމުން ދަނީ އެފަދަ ކަންކަމުގައި ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު