ENGLISH
02 ޖުލައި 2025
ފަލަސްތީނުގެ ޣައްޒާއަށް ވަނުމުގެ ފުރުޞަތު ލިބުނު އެހީގެ ސަމާނުތައް ވެސް ލޫޓުވަމުންދާއިރު، މިހާރު ފެންނަމުންދަނީ މި ހަނގުރާމައިގެ އެންމެ ހިތްދަތި އަދި އަނިޔާވެރި މަންޒަރުތައް ކަމަށް އދ.ގެ ވެރިޔާ އެންޓޯނިއޯ ގުތެރޭސް ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގެއް ބަންދުކޮށްގެން، އެ ސަހަރަށް އަރައިގަނެ، ހުއްޓުމެއްނެތި ޙަމަލާތައް އިޒްރޭލުން ދިނުމާ ގުޅިގެން މުޅި ދުނިޔެއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ އެކު، ޣައްޒާއަށް ކިރިޔާ ބޭނުންވާ ވަރަށް ކާބޯތަކެތި ވެއްދުމުގެ ފުރުޞަތު އިޒްރޭލުން ވަނީ ދީފައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުތެރޭސް ވިދާޅުވީ، ބޭނުންވާ މިންވަރާ ގާތަށް ވެސް ޣައްޒާއަށް އެހީ ނުވެއްދޭއިރު، ޣައްޒާގެ ނިކަމެތި ރައްޔިތުން މިހާރު ތަޙައްމަލް ކުރަމުންދަނީ މި ހަނގުރާމައިގެ އެންމެ "އަނިޔާވެރި" ޙާލަތު ކަމަށެވެ.
ގުތެރޭސް ވިދާޅުވީ، ޣައްޒާއަށް ވެއްދުނު 400 އެއްހާ ލޮރީގެ ތެރެއިން، އެހީ ބޭލިފައިވަނީ އެންމެ 115 ލޮރީން ކަމަށެވެ.
ވޯރލްޑް ފުޑް ޕްރޮގްރާމުން ބުނީ، މިއަދާ ހަމައަށް 15 ލޮރީގައި ހުރި ސާމާނު ލޫޓުވާފައިވާ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.