ENGLISH
02 ޖުލައި 2025
ޗާގޯސް ޖަޒީރާ އަނބުރާ މޮރިޝަސް އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި އިނގިރޭސިވިލާތުން ސޮއިކޮށްފި
23 މޭ 2025
|
ސަރަޙައްދީ ގޮތުން މުހިންމު، ޗާގޯސްގެ ޖަޒީރާ ރަށްތައް އިސްތިޢުމާރު ކޮށްފައިވާ، އިނގިރޭސިވިލާތުން އެ ރަށްތައް އަނބުރާ މޮރިޝަސްއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވިދާޅުވެއްޖެއެވެ.
އެތައް ޒަމާނެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އިނގިރޭސިވިލާތުން މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވީ ކުރީގެ ކޮލޮނީއެއް ކަމަށްވާ ޗާގޯސް ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށެވެ. ނަމަވެސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ޝަރުތުކޮށްފައެވެ.
އެކަމާ މެދު އެއްބަސްވުމަކަށް މިހާތަނަށް ނުދެވި އޮތީ، އެ ރަށަށް އިނގިރޭސިވިލާތުން ދޭ ބަދަލާމެދު މޮރިޝަސްއިން ހިތްހަމަނުޖެހޭތީއެވެ.
ނަމަވެސް، އެ ދެބަސްވުންތައް ޙައްލުކޮށް، އެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖައްސާފައި އޮތީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.
ނަމަވެސް، ޗާގޯސްއަށް ނިސްބަތްވާ ދެ އަންހެނަކު އެކަމާ ދެކޮޅަށް އިނގިރޭސިވިލާތުގެ ކޯޓަކަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސައިލަން ކޯޓުން އަމުރެއް ނެރުނެވެ.
ނަމަވެސް، އޭގެ ފަހުން ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހުރަހެއް ނެތް ކަމަށް ނިންމައިފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ސްޓާމަރ ނޫސްވެރިންނަށް ވިދާޅުވީ، ސަރަޙައްދީ ގޮތުން މުހިންމު މި ޖަޒީރާއަކީ އިނގިރޭސިވިލާތުގެ ސަލާމަތަށް ވަރަށް މުހިންމު ސަރަޙައްދެއް ކަމަށެވެ.
އަދި އިނގިރޭސިވިލާތުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް، ކުރިއަށް އޮތް ގަރުނާ ހަމައަށް ބޭރުގެ ނުފޫޒުތަކުން ސަލާމަތްކޮށް، އެ ސަރަޙައްދުގައި އިނގިރޭސިވިލާތުގެ މަސްލަޙަތު ކަށަވަރުކުރެވުމަކީ އިނގިރޭސިވިލާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމެއްގެ ގޮތުގައި ސްޓާމަރ ސިފަކުރެއްވިއެވެ.
އެއްބަސްވުމުގެ ތަފްޞީލުތައް އަދި ހާމަކޮށްފައިނުވި ނަމަވެސް، ޗާގޯސް ރަށްތަކުގެ ތެރެއިން ފޯޅަވަހި، އިތުރު 99 އަހަރަށް މޮރިޝަސްއިން އިނގިރޭސިވިލާތަށް ކުއްޔަށްދިނުން އެއްބަސްވުމުގައި ހިމެނޭކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ. އަދި އިނގިރޭސިން ބޭނުންވާ ނަމަ، އެއްބަސްވުުމުގެ މުއްދަތު އިތުރު 40 އަހަރަށް އިތުރުކުރުމުގެ މާއްދާއެއް ހިމެނޭކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިގޮތުން، މި ކުލީގެ އެއްބަސްވުމުގެ އަގު އެތައް މިލިއަން ޕައުންޑަށް އަރާނެކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ލަފާކޮށްފައެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
މޮރިޝަސްގެ އާ ސަރުކާރެއް އިންތިޚާބު ކުރުމަކީ ވެސް، އެއްބަސްވުމަކާ ހަމައަށް އައުމަށް ކުރިމަތިވި އިތުރު ހުރަހެކެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސްގެ ކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެވަޑައިގެންނެވުމުން، މި އެއްބަސްވުން އެމެރިކާގެ އާ ސަރުކާރާ ވެސް ޙިއްސާކޮށް، ޚިޔާލު ހޯދުމަށް އިނގިރޭސިވިލާތުން ބޭނުންވުމަކީ ވެސް މިކަން ނުނިމި ދިގުލައިގެންދިޔަ އަނެއް ސަބަބެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ މީގެކުރިން ވަނީ، ޗައިނާ އާއި މޮރިޝަސް އާ އޮންނަ ގުޅުމުގެ ސަބަބުން، ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ޙަވާލުކުރުމަކީ އެމެރިކާއަށް އޮތް ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ނަމަވެސް، އޭގެފަހުން، ޓްރަމްޕް ވަނީ އެކަމުގައި އެމެރިކާގެ އިޢުތިރާޒެއް ނެތް ކަން ހާމަކުރައްވައިފައެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ޤާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރެވެ.
އޭރު އެންމެ ތިން މިލިއަން ޕައުންޑަށް އެ އެއްބަސްވުން ހަދަން މަޖޫބުރުކުރުވީ، 1968 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯދުމަށެވެ.