ENGLISH

02 ޖުލައި 2025

Advertisement

އެމެރިކާގައި އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކަށް ބަޑިން ޙަމަލާދީ މަރާލައިފި

22 މޭ 2025

|

ހަސަން އާމިރު

އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ ޔަހޫދީންގެ ދާރުއާސާރެއްގެ ކައިރީގައި، އެމެރިކާގައި ހުންނަ އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކަށް ބަޑިން ޙަމަލާދީ މަރާލައިފިއެވެ.

އެ ދެ މުވައްޒަފުންނަށް ޙަމަލާދިން މީހާ ބަޑިޖެހީ، "ފަލަސްތީނު މިނިވަންކުރަން" ގޮވައިލުމަށްފަހު ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

އެ ޙަމަލާ ކުށްވެރިކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ޔަހޫދީންނާމެދު ނަފްރަތު އުފެއްދުން އިތުރުވުމުގެ ނަތީޖާ ކަމަށެވެ.

އެ ޙަމަލާދީފައިވަނީ، ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށް އެ ދާރުލްއާސާރުގައި ބޭއްވި ޙަފްލާއަކަށް މީހުން ވަންނަމުންދަނިކޮށެވެ.

ފުލުހުން ބުނީ، އެ ޙަމަލާ ދިނުމަށް ފަހު، ދާރުލްއާސާރުގެ ތެރެއަށް ވަދެ ހުއްޓައި، ޙަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ޙަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެލާޔަސް ރޮޑްރިގޯ ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭނާ ހައްޔަރުކުރި ވަގުތު ވެސް ފަލަސްތީނު މިނިވަން ކުރުމަށް ގޮވައިލަމުން ދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނޮން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު ޓެރަރިޒަމްގެ ޢަމަލެއް ކަމަށާއި ޑިޕްލޮމެޓުންނާއި ޔަހޫދީ ކޮމިއުނިޓީއަށް ނުރައްކާކުރަން ފެށުމަކީ "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ސިފަކޮށްފައެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ގިނަ ސަރަޙައްދުތަކުން ބާލަމުންދާތާ އެތައް ދުވަހެއްވެއްޖެ އެވެ.

އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު