ENGLISH

02 ޖުލައި 2025

Advertisement

އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ޗާގޯސްއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެއްޖެ

22 މޭ 2025

|

ހަސަން އާމިރު

ސަރަޙައްދީ ގޮތުން މުހިންމު، ޗާގޯސްގެ ޖަޒީރާ ރަށްތައް އިސްތިޢުމާރު ކޮށްފައިވާ، އިނގިރޭސިވިލާތުން އެ ރަށްތައް އަނބުރާ މޮރިޝަސްއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

އެތައް ޒަމާނެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އިނގިރޭސިވިލާތުން މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވީ ކުރީގެ ކޮލޮނީއެއް ކަމަށްވާ ޗާގޯސް ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށެވެ. ނަމަވެސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ޝަރުތުކޮށްފައެވެ.

އެކަމާ މެދު އެއްބަސްވުމަކަށް މިހާތަނަށް ނުދެވި އޮތީ، އެ ރަށަށް އިނގިރޭސިވިލާތުން ދޭ ބަދަލާމެދު މޮރިޝަސްއިން ހިތްހަމަނުޖެހޭތީއެވެ.

ނަމަވެސް، އެ އެއްބަސްވުމުގައި އޮންލައިންކޮށް މިއަދު ބާއްވާ ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގެ ތަފްޞީލުތައް އަދި ހާމަކޮށްފައިނުވި ނަމަވެސް، ޗާގޯސް ރަށްތަކުގެ ތެރެއިން ފޯޅަވަހި، އިތުރު 99 އަހަރަށް މޮރިޝަސްއިން އިނގިރޭސިވިލާތަށް ކުއްޔަށްދިނުން އެއްބަސްވުމުގައި ހިމެނޭކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ. އަދި އިނގިރޭސިން ބޭނުންވާ ނަމަ، އެއްބަސްވުުމުގެ މުއްދަތު އިތުރު 40 އަހަރަށް އިތުރުކުރުމުގެ މާއްދާއެއް ހިމެނޭކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިގޮތުން، މި ކުލީގެ އެއްބަސްވުމުގެ އަގު އެތައް ބިލިއަން ޕައުންޑަށް އަރާނެކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ލަފާކޮށްފައެވެ.

މޮރިޝަސްގެ އާ ސަރުކާރެއް އިންތިޚާބު ކުރުމަކީ ވެސް، އެއްބަސްވުމަކާ ހަމައަށް އައުމަށް ކުރިމަތިވި އިތުރު ހުރަހެކެވެ.

މީގެއިތުރުން، އެމެރިކާގެ ރައީސްގެ ކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެވަޑައިގެންނެވުމުން، މި އެއްބަސްވުން އެމެރިކާގެ އާ ސަރުކާރާ ވެސް ޙިއްސާކޮށް، ޚިޔާލު ހޯދުމަށް އިނގިރޭސިވިލާތުން ބޭނުންވުމަކީ ވެސް މިކަން ނުނިމި ދިގުލައިގެންދިޔަ އަނެއް ސަބަބެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ މީގެކުރިން ވަނީ، ޗައިނާ އާއި މޮރިޝަސް އާ އޮންނަ ގުޅުމުގެ ސަބަބުން، ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ޙަވާލުކުރުމަކީ އެމެރިކާއަށް އޮތް ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ނަމަވެސް، އޭގެފަހުން، ޓްރަމްޕް ވަނީ އެކަމުގައި އެމެރިކާގެ އިޢުތިރާޒެއް ނެތް ކަން ހާމަކުރައްވައިފައެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ޤާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރެވެ.

އޭރު އެންމެ ތިން މިލިއަން ޕައުންޑަށް އެ އެއްބަސްވުން ހަދަން މަޖޫބުރުކުރުވީ، 1968 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު