ENGLISH
02 ޖުލައި 2025
ހަނގުރާމަ ހުއްޓައިލަން ބާރު އަޅަން، ރަޝިޔާ އާ ދެކޮޅަށް އީޔޫ އާއި ޔޫކޭއިން ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި
21 މޭ 2025
|
ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލަން ބާރު އެޅުމުގެ ގޮތުން، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން އިތުރަށް ހަރުކަށިކޮށްފިއެވެ.
މި ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ، ރަޝިޔާއިން ވަގަށް ތެޔޮ ބޭރުކުރަން ބޭނުންކުރާ އުޅަނދުތަކާ ދެކޮޅަށެވެ. މިގޮތުން، އީޔޫން ވަނީ ޖުމްލަ 189 ތެޔޮ އުފުލާ އުޅަނދެއް ބްލެކްލިސްޓުކޮށްފައެވެ.
އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، ރަޝިޔާއަށް ހަތިޔާރު ލިބޭ މަގުތަކާއި، ފައިސާ ހޯދުމާއި ޖާސޫސު ކުރުމަށް ބޭނުންކުރާ ނެޓްވޯކުތަކާ ދެކޮޅަށެވެ.
މިކަމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަކަރޯވާ ވިދާޅުވީ، ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުވަން ހިންގާ ޢަމަލުތަކުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ހުޅަނގުގެ ބޭނުމަކީ މި ހަނގުރާމަ ކުރިއަށް ގެންދިޔުމަށްޓަކައި ޔޫކްރޭނުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުން ކަމަށެވެ.
ޔޫކްރޭނާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދިޔުމާމެދު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިން އާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ގެންދަވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ މި ހަނގުރާމަ ހުއްޓުވޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުންނެވެ.
ތިން އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށް ފަހު، ޔޫކްރޭނާއި ރަޝިޔާއިން ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ސީދާ މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ.
ތުރުކީވިލާތުގެ ވެރިރަށް އިސްތަންބުލްގައި ބޭއްވި މަޝްވަރާތައް ނިންމާލާފައިވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނުވެއެވެ.
އަދި މަޝްވަރާތަކަށްފަހު، ރަޝިޔާއިން ވަނީ ޔޫކްރޭނުގެ އެކި ސަރަޙައްދުތަކަށް ޑްރޯން ބޭނުންކޮށްގެން ދެމުންދާ ޙަމަލާތައް އެތައް ގުނައެއް ވަރުގަދަކޮށްފައެވެ.