ENGLISH
02 ޖުލައި 2025
ޣައްޒާގެ ޢުދުވާނުތަކާ ގުޅިގެން އިޒްރޭލާ އެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
21 މޭ 2025
|
ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއްެނެތި ދެމުންދާ ޢުދުވާނުތަކާ ގުޅިގެން، އިޒްރޭލާ އާއެކު ކުރަމުންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް މަޑުޖައްސަލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.
ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސްއަޅައި، މުޅި ޣައްޒާ ސުންނާފަތިކުރުމަށް އިޒްރޭލުގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، ކޮންމެ ދުވަހަކު ދަނީ އެތައް ސަތޭކަ މައުސޫމް ރައްޔިތުން ޝަހީދުކުރަމުންނެވެ.
އެކަމާ ގުޅިގެން، އިޒްރޭލަށް ބައިނަލްއަޤުވާމީ ޕްރެޝަރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އޭގެތެރޭގައި މީގެކުރިން އިޒްރޭލަށް ވާގިވެރިވެފައިވާ ހުޅަނގުގެ ބޮޑެތި ޤައުމުތައް ވެސް މިހާރު ވަނީ މަޑުމަޑުން ފެޔަށް ޖެހެން ފަށައިފައެވެ.
ޤާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވީ، ހުޅަނގު އައްސޭރީގައި އިޒްރޭލުން ޤާނޫނާ ޚިލާފަށް ޤާއިމުކޮށްފައިވާ ތަންތަނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
އަދި ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާމެދު ހިތްހަމުނެޖެހުން ފާޅުކުރުމަށް، އިނގިރޭސިވިލާތުގައި ހުންނަ އިޒްރޭލުގެ ސަފީރު، ޚާރިޖީ ވުޒާރާއަށް ރަސްމީކޮށް ހާޒިރުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން މި ފިޔަވަޅު އަޅާފައިވާއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ އިޒްރޭލާ އާއެކު ވިޔަފާރީގެ ގުޅުން އަލުން މުރާޖަޢާ ކުރަން ނިންމައިފައެވެ.
އަދި ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް ވަގުތުން ހުއްޓާލައި، އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނަމަ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތައް އަޅަންޖެހޭނެކަމުގެ އިންޒާރު، އިނގިރޭސިވިލާތުގެ އިތުރުން ފަރަންސޭސިވިލާތް އަދި ކެނެޑާއިން ވެސް ވަނީ ދީފައެވެ.
ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ގިނަ ސަރަޙައްދުތަކުން ބާލަމުންދާތާ އެތައް ދުވަހެއްވެއްޖެ އެވެ.
އަދި މުޅި ޣައްޒާ، އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެކަމަށް ނަތަންޔާހޫ އިންޒާރުދީފައި މިވަނީ، ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ދިނުމަށްފަހުއެވެ.
ނަމަވެސް، މި ފުރުޞަތު އިޒްރޭލުން ދީފައިވަނީ ޣައްޒާއަށް "ކިރިޔާ ބޭނުންވާ" ވަރަށް ކާބޯތަކެތި ވެއްދުމަށެވެ.
ނަމަވެސް، އެހީ ވެއްދުމުގެ ފުރުޞަތު ފުރިހަމައަށް ނުދީފިނަމަ، ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން ބަނޑަށް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.
އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.