ENGLISH

02 ޖުލައި 2025

Advertisement

މުޅި ޣައްޒާ އިޒްރޭލުން އަތްދަށުލާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

20 މޭ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާ، އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެކަމުގެ އިންޒާރު، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ދީފިއެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ގިނަ ސަރަޙައްދުތަކުން ބާލަމުންދާތާ އެތައް ދުވަހެއްވެއްޖެ އެވެ.

އަދި މުޅި ޣައްޒާ، އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެކަމަށް ނަތަންޔާހޫ އިންޒާރުދީފައިމިވަނީ، ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ދިނުމަށްފަހުއެވެ.

ނަމަވެސް، މި ފުރުޞަތު އިޒްރޭލުން ދީފައިވަނީ ޣައްޒާއަށް "ކިރިޔާ ބޭނުންވާ" ވަރަށް ކާބޯތަކެތި ވެއްދުމަށެވެ.

މިގޮތުން، ޣައްޒާއަށް މިއަދު ވަދެވިފައިވަނީ ކާބޯތަކެތި އުފުލާ އެންމެ ނުވަ ލޮރީއަށް ކަމަށް އދ.އިން އިންސާނީ ހައްގުތަކާބެހޭ އޮފީހުން ބުންޏެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި، ޣައްޒާގައި ހައިހޫނުކަމުގެ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، އެތަނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އަސްކަރިއްޔާއިން ލަފާދީފައިވާ ކަމަށެވެ.

ނަމަވެސް، އެހީ ވެއްދުމުގެ ފުރުޞަތު ފުރިހަމައަށް ނުދީފިނަމަ، ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން ބަނޑަށް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު