ENGLISH
02 ޖުލައި 2025
ދުނިޔޭގެ ޕްރެޝަރު ބޮޑުވުމުންވެސް އިޒްރޭލުން ދޫދުނީ ޣައްޒާއަށް "ކިރިޔާ ވާވަރަށް" ކާބޯތަކެތި ވައްދަން
19 މޭ 2025
|
ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގެއް ބަންދުކޮށްގެން، އެ ސަހަރަށް އަރައިގަނެ، ހުއްޓުމެއްނެތި ޙަމަލާތައް އިޒްރޭލުން ދިނުމާ ގުޅިގެން މުޅި ދުނިޔެއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ އެކު، ޣައްޒާއަށް ކިރިޔާ ބޭނުންވާ ވަރަށް ކާބޯތަކެތި ވެއްދުމުގެ ފުރުޞަތު ދޭން އިޒްރޭލުގެ ހަރުކަށި ސަރުކާރުން ނިންމައިފިއެވެ.
އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި، ޣައްޒާގައި ހައިހޫނުކަމުގެ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، އެތަނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އަސްކަރިއްޔާއިން ލަފާދީފައިވާ ކަމަށެވެ.
ނަމަވެސް، ކާބޯތަކެތި ވެއްދުމަށް ފުރުޞަތު ދޭނީ، ޣައްޒާއަށް ކިރިޔާ ބޭނުންވާ ވަރަށް ކަމަށާއި، އެ ތަކެތި ޙަމާސް ޖަމާޢަތުގެ އަތްދަށަށް ނުދާނެކަން އަސްކަރިއްޔާއިން ކަށަވަރުކުރާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.