ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާގައި އިއްޔެ އެކަނިވެސް 120 މީހުން ޝަހީދުކޮށްލި

16 މޭ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ލާއިންސަނީ ޢުދުވާނުތަކުގައި އިއްޔެ ވެސް 120 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޣައްޒާގެ ދިފާޢީ އިދާރާއިން ބުނީ، އިއްޔެގެ ފަތިހު އިޒްރޭލުން ފެށި ވައިގެ ޙަމަލާތަކުގައި 120 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ހައިހޫނުކަމާ ކުރިމަތިލަމުންދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދެކުނު އިންސާނީ އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ.އިން ވަނީ ސިފަކޮށްފައެވެ.

ޙަމާސް ޖަމާޢަތުން ބުނީ، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު އިޒްރޭލުން ނުދޭހާ ހިނދަކު، އިޒްރޭލާ އެކު ސުލްޙައިގެ އިތުރު މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 52،900 އަށް އުފުލިފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު