ENGLISH
23 ޖުލައި 2026
އިތުރު 8 ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޢިއްޒުއަށް އަރުވައިފި
23 ޖުލައި 2026
|
ރިޕަބްލިކް އޮފް ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި 8 ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުން އިއްޔެ ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ރަސްމިއްޔާތަށް ހައި ކޮމިޝަނަރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
އައު ހައި ކޮމިޝަނަރުން، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ހައި އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
ޕޯޗުގަލްގެ އައު ސަފީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން މަޝްވަރާ ކުރައްވާފައިވެވެއެވެ. އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، އަދި ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ މުހިންމުކަންކަން ހިމެނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި، އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ޕޯޗުގަލާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ، 1995 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 09 ވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާނުގެ ސަފީރު ބައްދަލުކުރައްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައެއް ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި މެހްމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުން ހިމެނެއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކެނެޑާގެ ހައިކޮމިޝަނަރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ސީޕްލޭންގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން، މިންތީގެ ހަމަހަމަކަން ހިމެނެއެވެ. ބައްދަލުވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ، އަދި ބައިނަލްއަޤުވާމީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އޮސްޓްރިއާގެ ސަފީރު ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޑިޕްލޮމެޓިކް ތަމްރީނުތަކަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1 މާރިޗު 1978 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، ބުރުކީނާ ފާސޯގެ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ތަރައްޤީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ބުރުކީނާ ފާސޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޑިސެމްބަރު 2011 ގައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ގާނާގެ ހައިކޮމިޝަނަރު ވަނީ ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ފަންނީ އެހެނިހެން ދާއިރާތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 10 އޯގަސްޓު 1989 ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ، އިޤުތިޞާދީ ތަރައްޤީގެ ދާއިރާއިން ފުޅާ ދާރިއާއެއްގައި އެއްބާރުލުންދިނުމާއި، ވުނަކުރުމުގެ ފުރުޞަތުތަކާއި، ދަތުރުފަތުރުގެ ދާއިރާ ހިމެނޭހެން، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ އަދި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެ އާއި ތުރުކުމަނިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 25 ސެޕްޓެންބަރު 1992 ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމާއި، ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ އިތުރު މަސައްކަތްތައް ދެނެގަތުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ހާމަކުރައްވައި އެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެ އާއި ލާއޮސް އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 10 ފެބުރުވަރީ 2012 ގައެވެ.