ENGLISH

15 ޖުލައި 2026

Advertisement

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

14 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މަގުގެ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް 15 ޖުލައި 2026 އަށް މުޅިން ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، މަޝްރޫޢުގެ 4 ވަނަ އަދި 5 ވަނަ ސެގްމަންޓްގައި މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

އަދި ޕާކިންގ ޒޯން ތަރައްޤީކުރުމުގެ މަސައްކަތް ހަލުއި ސްޕީޑުގައި ކުރިއަށްދާއިރު، 2 އަދި 3 ވަނަ ސެގްމަންޓްގެ ޕޭވްމަންޓް ހެދުމާއި ކޭބަލް އެޅުމަށް ބޭނުންވާ ކާނު (ޓްރެންޗް) ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ

އެކި ސަބަބުތަކާހުރެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު ޖުލައި 26 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މި ސަރަޙައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ކުރިން ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. މަގުގެ މިހާރު ހަދަމުންދާ ބައި ނިމޭއިރު އެ ސަރަހައްދުގައިވާ ހުރިހާ އޮފީސްތަކާއި ބެންކަށްދާ މީހުންނަށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަހައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަހައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ. 

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު