ENGLISH
15 ޖުލައި 2026
ވީ.އައި.އޭ އިން އެއް ދުވަހެއްގެ ތެރޭގައި 114 ޓަނުގެ އެއާ ކާގޯ އެކްސްޕޯޓްކޮށް ރެކޯޑެއް ގާއިމުކޮށްފި
14 ޖުލައި 2026
|
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އެންމެ މަޤްބޫލު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އިން އެއް ދުވަހެއްގެ ތެރޭގައި 114 ޓަނުގެ މުދާ ބޭރުކޮށް، އެއާޕޯޓުގެ ތާރީޚުގައި އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ދުވަހުގެ ރެކޯޑު އައު ކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނި ގޮތުގައި މި އައު ކާމިޔާބީއާއެކު މުގުރާލާފައިވަނީ މީގެ ކުރިން ގާއިމުކޮށްފައިވާ 100 ޓަނުގެ ރެކޯޑެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވީ.އައި.އޭ މެދުވެރިކޮށް 7,928 ޓަނުގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރި 6,879 ޓަނާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ މާރިޗު މަހުގައެވެ. އެ މަހު ވައިގެ މަގުން 1,791 ޓަނުގެ މުދާ ވަނީ އުފުލާފައެވެ.
އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް އެތެރެވި ޓްރާންސްޝިޕްމަންޓް މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ އެފްކޮމް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 27 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ މުދާ އުފުލީ 25 އިންސައްތައާއެކު ސްރީލަންކަން އެއާލައިންސުންނެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންސްޝިޕްމަންޓް މުދަލަށް ބަލާއިރު، ޓާކިޝް އެއާލައިންސް އަދި ބްރިޓިޝް އެއާވޭޒްގެ ތެރެއިން ކޮންމެ އެއާލައިންއަކުން 14 އިންސައްތަ ހިއްސާކުރިއިރު، އެއިރޯފްލޮޓުން ވަނީ 12 އިންސައްތަ ހިއްސާކޮށްފައެވެ.
އެމް.އޭ.ސީ.އެލް އިން ބުނީ މި ކާމިޔާބީއާއެކު ސަރަހައްދީ އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހަބެއްގެ ގޮތުގައި ވީ.އައި.އޭ އޮތް މަގާމު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.