ENGLISH
14 ޖުލައި 2026
ސްޕެއިން މެޗު ވެގެންދާނީ ފޯރިގަދަ ކުރިމަތިލުމަކަށް: ޑެޝޯމްޕްސް
14 ޖުލައި 2026
|
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ފޯރިގަދަ ކުރިމަތިލުމަކަށް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
މީގެ ކުރިން ޔޫރޯ 2024 ގެ ސެމީ ފައިނަލުގައި ސްޕެއިނުން ވަނީ ފްރާންސް ބަލިކޮށް، މުބާރާތުގެ ތަށި އުފުލާފައެވެ. އަދި މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ނުވަ ލަނޑު ފެނިގެންދިޔަ ފޯރިގަދަ މެޗުވެސް ސްޕެއިން ވަނީ ފްރާންސްގެ މައްޗަށް ކުރި ހޯދާފައެވެ.
މި މުބާރާތަށްފަހު، 14 އަހަރުގެ ދިގު މުއްދަތަކަށްފަހު ކޯޗުކަމުން ވަކިވާން ނިންމާފައިވާ ޑެޝޯމްޕްސް ބުނީ، "މާޒީއަކީ މާޒީ" ކަމަށެވެ. "ކުރިން ސްޕެއިން މޮޅުވި ނަމަވެސް، އަހަރެން އިންތިޒާރު ކުރަނީ މި މެޗަށް. މިހާރު އަހަރެމެން މިތިބީ މުޅިން ތަފާތު ފެންވަރެއްގައި. އަހަރެމެން ބޭނުމީ ފައިނަލަށް ދާން،" އޭނާ ބުންޏެވެ.
ޓެކްސަސްގައި ކުޅޭ މި މެޗުން ދުނިޔޭގެ ދެ ފަހަރުގެ ޗެމްޕިއަން ފްރާންސް މޮޅުވެއްޖެނަމަ، އެޓީމު ވެގެންދާނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ފައިނަލުގައި ކުޅޭ ތިންވަނަ ޤައުމަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ހުޅަނގު ޖަރުމަނު (1982، 1986 އަދި 1990) އާއި ބްރެޒިލް (1994، 1998 އަދި 2002) އެވެ.
1998 ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ފްރާންސަށް ވޯލްޑް ކަޕް ހޯދައިދިން ޑެޝޯމްޕްސް ވަނީ، 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައިވެސް އެ ތަށި ކާމިޔާބުކޮށްދީފައެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވިއިރުވެސް ކޯޗަކީ އޭނާއެވެ.
ޑެޝޯމްޕްސް ގަބޫލުކުރާ ގޮތުގައި މި މެޗަށް ނުކުންނައިރު ބޮޑު އުންމީދެއް އޮތީ ސްޕެއިނަށެވެ. "މިދިޔަ ހަ މެޗުގައި އެމީހުން ބައިކޮޅަށް ވަނީ އެންމެ ލަނޑެއް. މިއީ ވަރަށް ފޯރިގަދަ މެޗަކަށް ވާނެކަން އަހަރެމެންނަށް އެނގޭ. ސްޕެއިންގެ ކޯޗު ލުއިސް އާއި އަހަރެންނަށްވެސް އެނގޭ ރަނގަޅަށް ޑިފެންސް ކުރަން. އަދި ދެ ޓީމުގެ އެޓޭކިންގ ފެންވަރަށް ބަލާއިރު، މިއީ ވަރަށް ފޯރިގަދަ މެޗަކަށް ވާނެ،" އޭނާ އިތުރަށް ބުންޏެވެ.
ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން ކެޕްޓަން ކީލިއަން އެމްބާޕޭ --- ފޮޓޯ: ރޮއިޓަރސް
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން، ސްޕެއިނާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ފަހު ފަރިތަކުރުންތައް އޭނާ ފުރިހަމަ ކޮށްފައެއް ނުވެއެވެ. އެމްބާޕޭގެ ފަޔަށް މި އަނިޔާ ލިބުނީ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން ފްރާންސް މޮޅުވި މެޗުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފްރާންސް 0-2 ގެ ނަތީޖާއަކުން މޮޅުވި މެޗުގެ ފަހުކޮޅު ބަދަލުކުރި އެމްބާޕޭއަށް، ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގައި ވަނީ ބައެއް ވަގުތުތަކުގައި އަރާމުކުރުމުގެ ފުރުސަތު ދީފައެވެ.
ނަމަވެސް، މި އަނިޔާގެ ސަބަބުން މިރޭ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ.
"ކީލިއަންގެ ހާލު ރަނގަޅު،" ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯމްޕްސް ބުންޏެވެ. އެމްބާޕޭ ފަރިތަކުރުންތަކުގައި ބައިވެރިވިތޯ ސުވާލުކުރުމުން ކޯޗު އިތުރަށް ބުނީ، "އާނ، އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވި. އެކަމަކު ވަކި ޑްރިލްއެއްގައި 15 މިނެޓުގެ ބަދަލުގައި އޭނާއަށް 10 މިނެޓު ކުރުމުގެ ހުއްދަ ދިނީ،" ކަމަށެވެ.