ENGLISH

14 ޖުލައި 2026

Advertisement

ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ކުރީގެ މާލީ ވަޒީރު އަމީރު: ވަޒީރު ސައީދު

14 ޖުލައި 2026

|

އައިމިނަތު ޝަފާ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ދަރުވާލުމުގެ އަސްލު މޭސްތިރިއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މާލީ ވަޒީރު އިބްރާހީމް އަމީރުކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަނުގައި އަމީރު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އިގްތިސާދީ ހާލަތުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.

"ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހގެ ފިނޭންސް މިނިސްޓަރު، އެމަނިކުފާނުގެ ޒިންމާގެ ތެރެއިން ރާއްޖެ މިހިސާބަށް ވައްޓާލާފައި އެއޮތީ. ދެން މިއަދު ހަމަ ތުރުކުރައްވަން ހުރި ގަމީސް އަނެއް ފަރާތަށް ބަދަލުކުރައްވައި އެހެން ޕޯޑިއަމެއްގައި އެ ވިދާޅުވަނީ. އެހެންވީމާ އަމީރަކީ އެންމެ ރަނގަޅު ބޭފުޅެއް ނޫން އެވާހަކަ ފުރަތަމަ ދައްކަވާކަށް،". ސައީދު ވިދާޅުވިއެވެ.

އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަނުގައި އަމީރާއެކު އިންނެވި ބައެއް ބޭފުޅުންނަކީ 19 ވަނަ މަޖިލީހުގައި އަމީރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންކަމަށް ސައީދު ވިދާޅުވިއެވެ. 

"ފައިސާ ތިވަރަށް ޗާޕުކުރީމަ ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ނިކަމެތިވެއްޖެއޭ، ދުވަހަކު ވެސް ތިޔަވަރުގެ ގެއްލުމަކުން ސަލާމަތެއް ނުވާނެއޭ،". އެމްޑީޕީގެ ޕެނަލް ޑިސްކަޝަނުގައި އަމީރާއެކު އިންނެވި އިލްޔާސް ލަބީބު، ފައިސާ ޗާޕުކުރުމާ ދެކޮޅަށް އަޑުއުފުއްލަވައި އޭރު އަމީރަށް އިޝާރާތްކޮށް ދައްކަވާފައިވާ ވާހަކަފުޅުތައް ހަނދާންކޮށްދެމުން ވަޒީރު ވިދާޅުވިއެވެ. 

އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔައިރު، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ކުރެއްވި ސުވާލަށް ވެސް އަމީރު އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މި ސަރުކާރު ހަވާލުވީއިރު އިގްތިސާދީ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިހާރުގެ ސަރުކާރުން އިގްތިސާދު ކޮޅަށް ޖެހުމަށް ޓަކައި ފޮރެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި، އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު