ENGLISH
14 ޖުލައި 2026
އިސްލާހުތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ފާސްކޮށްފި
14 ޖުލައި 2026
|
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ. ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް ތިން އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށްޓަކައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ ގައިދީންގެ ގުނަވަން ހަދަިޔާ ކުރެވޭ ގޮތަށް އެ ބިލުގައި ހިމަނާފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބިލުގައި ހުރި ގާނޫނީ އަދި އިޖުރާއީ ކަންބޮޑުވުންތަކެއް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައިދީންގެ ގޮތުގައި ތިބޭ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަކީ ގުނަވަން ހަދިޔާ ނުކުރެވޭނެ ބައެއް ކަމަށް ކަނޑައަޅަން ސަރުކާރުން އެ ބިލުގައި ހިމަނާފައިވާ މާއްދާ މަޖިލިހުން އުނިކޮށްފައި ވުމަކީ ބިލު އަނބުރާ ފޮނުއްވައިލެއްވި އެއް ސަބަބު ކަމަށެވެ.
ބިލު އަނބުރައި ފޮނުއްވައިލެއްވި އެހެން ސަބަބުތަކުގެ ތެރޭގައި އެ ބިލުގައި ކަނޑައަޅާފައިވާ އަދަބަކީ ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދަބަކަށްވުމާއި އެ ބިލު ގާނޫނަކަށް ވުމުން އަމަލުކުރަން ޖެހޭ ބައެއް ގަވާއިދުތައް، ބިލު ގާނޫނަކަށް ވުމުގެ ކުރިން ހަދައި އަމަލުކުރަން ލާޒިމުވާ ފަދަ ގޮތަަކަށް އޮތުން ހިމެނެއެވެ.
މިބިލު އަލުން މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން އިޖުތިމާއީ ކޮމިޓީން ނިންމާފައިވަނީ ކުރިން ބިލުގެ 7 ވަނަ މާއްދާއިން އުނިކުރި ދެ އަކުރެއް އިތުރުކުރުމަށެވެ. އެގޮތުން ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން މިހާރު އިތުރުކޮށްފައިވެއެވެ.
މީގެ އިތުރުން ރުހުންނެތި ގުނަވަން ނެގުމާއި، ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓް ކޮށްފިނަމަ އެ މީހާގެ އަދަބެއްގެ ގޮތުގައި ޤިސާސް ހިފުމާއި، ގުނަވަނަށް ދިޔަ ދިނުމަށް ކަނޑައަޅާފައިވާ ބައި އުނިކޮށް އެފަދަ ކުށެއް ކޮށްފިނަމަ 150،000 ރުފިޔާއާއި، 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގާނޫނު ތަސްދީގުކުރާތާ 180 ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ ބިލުގެ އެހެން ބައެއް މާއްދާތަކާއި، އެ މާއްދާ ފުށުއަރާތީ މިހާރު ވަނީ ގާނޫނަށް އަމަލުކުރާތާ 180 ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަންޖެހޭ ގޮތަށް އިސްލާހުކޮށްފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ބިލު ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަންޖެހެއެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.