ENGLISH

14 ޖުލައި 2026

Advertisement

ހުޅުމާލޭގައި ހަދާ ބޮޑު ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިންމަނީ

14 ޖުލައި 2026

|

އައިމިނަތު ޝަފާ

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަނީ. ފޮޓޯ؛ މިފްކޯ

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ބޮޑު ކަންނެލި ޕެކިން ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިންމައި ހިދުމަތްދޭން ފަށާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ފެކްޓްރީ އެޅޭނެ ތާރީހެއް އޮޅުންފިލުވުމަށް އެދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި މަސް ބަންދުކުރާނެ ފެކްޓްރީއެއް ގާއިމުކުރުމަށްޓަކައި މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. 

"ހުޅުމާލޭގައި ކަންނެލިމަސް ބަންދުކުރާނެ ފެކްޓްރީއެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މިވަނީ ބަޔަކާ މިދިޔަ ހަފްތާގައި ހަވާލުކޮށްފަ. އަޅުގަނޑުމެން މި ބަލަނީ ފެކްޓްރީގެ. ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމުކުރެވޭ ފެކްޓްރީގެ އެބައި ކުރިޔަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،". ޝިޔާމް ވިދާޅުވިއެވެ.

މިފްކޯއިން މިދިޔަ އަހަރު ކަންނެލި މަސްވެރިކަމުގެ ތެރެޔަށް ވަދެފައިވާކަމަށާއި 10 ކިލޯއިން މައްޗާއި 15 ކިލޯއިން މަތީގެ ކަންނެލި މިހާރުވެސް މިފްކޯއަށް ގަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ފެކްޓްރީގެ ޒަރީއާއިން، ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ބޮކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމުކުރަނީ 100 ޓަނުގެ ފެކްޓްރީއެކެވެ. މި މަސައްކަތަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ބޮޑު ކަންނެލި މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެކިން ފެސިލިޓީއެއްގެ ހިދުމަތް ނުލިބުން ކަމަށްވާއިރު ހުޅުމާލޭގައި ގާއިމުކުރާ ފެސިލިޓީއާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. 

ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އިތުރުން މަސްވެރިންގެ ބައިވެރިވުމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު މިފްކޯ އިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ މިފްކޯ އަނބުރައި މި ވިޔަފާރީގެ ތެރެއަށް ގެނައުމަށްކަމަށެވެ. 

ބޮޑުކަންނެލި ވިޔަފާރީގެ ތެރެގައި މިފްކޯ ހަރަކާތްތެރިވެގެން ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށްގެންދިޔަ ބޮޑުކަންނެލި އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައިވަނިކޮށް މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އަލުން މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށީ މި އަހަރުގެ ޖަނަވަރީމަހުގެ ތެރެގައެވެ. 

މިފްކޯއިން ބޮޑު ކަންނެލި ކިލޯއެއް ގަންނަ އެންމެ މަތީ އަގަކީ 25 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު