ENGLISH
14 ޖުލައި 2026
ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ބާކީ އޮތް 82 ރަށުގެ މަސައްކަތް 2028 ގެ ކުރިން ނިމޭނެ
14 ޖުލައި 2026
|
އެންމެ މަޤްބޫލު
ރާއްޖޭގެ ހުރިހާ ރަށެއްގަައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ނެތް 82 ރަށުގައި އެ ނިޒާމުތައް ގާއިމުކޮށް، 2028 ގެ ކުރިން ނިމޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވުޒާރާއިން ބުނީ ރާއްޖޭގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން 152 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، 143 ރަށުގެ ފެނުގެ ނިޒާމު ގާއިމުކޮށް ވަނީ ނިންމާލާފައެވެ. ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ނެތް 82 ރަށް އަދިވެސް އޮތް އިރު އެއީ ފެނުގެ ނިޒާމު ގާއިމުނުކުރެވޭ 46 ރަށާއި ނަރުދަމާގެ ނިޒާމު ގާއިމުނުކުރެވޭ 36 ރަށެެވެ. މި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް 2028 ގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި ރަށްރަށް ސްޓެލްކޯގެ ދަށަށް މިފަހުން ބަދަލުކުރި ބަދަލުކުރުމަކީ ހަރުދަނާ ނިންމުމެއްކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވުޒާރާގެ ފަރާތުން ފާހަގަކުރިއެވެ.
މީގެ އިތުރަށް ވުޒާރާއިން ބުނީ މުޅިރާއްޖޭގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްތައް އަޕްގްރޭޑްކުރުމަށް 3.3 ބިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. އެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަން ވުޒާރާއިން ފާހަގަކުރެއެވެ. އެގޮތުން މާލެ ސަރަހައްދަށް ބަލާއިރު މި ސަރަހައްދުގައި ފެންއުފެއްދޭ މިންވަރު އިތުރުކުރުމަށް 5000 ޓަނުގެ އާރޯ ޕްލާންޓްގެ މަސައްކަތް މިހާރު ނިމި އަދި އިތުރު 5000 ޓަނުގެ އާރޯ ޕްލާންޓްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މާލޭގައި 26،000 ޓަނުގެ ސްޓޯރޭޖް ޓޭންކަކާއި ހުޅުމާލޭގައި 13 ހާސްޓަނުގެ ފެން ރައްކާކުރެވޭ ޓޭންކެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޗައިނާ މޯލްޑިވްސް ބްރިޖް މެދުވެރިކޮށް މާލެ އަދި ހުޅުމާލެ ގުޅުވާލަދޭ ފެނުގެ ނެޓްވޯކް ގުޅައި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ވުޒާރާއިން ބުންޏެވެ.
ސާފު ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަންނަނީ "ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އެކުލަވާލައިގެން މަސައްކަތް ކުރަމުންނެވެ. މި ސިޔާސަތުގެ މަގުސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރާއްޖޭގެ ފެންފަށަލަ ރައްކާތެރިކުރުމަށް އޮނިގަނޑެއް އެކުލަވައިލުމެވެ.
މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމަށް އަންގައި، ގާނޫނީ އިސްލާހެއް ތަސްދީގު ކުރައްވައިފައެވެ.