ENGLISH

13 ޖުލައި 2026

Advertisement

ކުރީގެ މެންބަރު ރަޝީދުގެ ދޮންބޭޒް ކުންފުންޏަށް ފައިސާ ދިން މަޝްރޫއުތައް ނުނިމޭތީ ފިޔަވަޅުއަޅަނީ

13 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު (ދޮންބެ)ގެ ކުންފުނި ދޮންބޭޒްއަށް ގިނަ މަޝްރޫއުތަކެއް އެމްޑީޕީގެ ސަރުކާރުގައި ހަވާލުކޮށް އެޑްވާންސް ފައިސާ ދޫކުރި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށްނުދާތީ ފިޔަވަޅުއަޅަން ފަށާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެ ކުންފުންޏާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. 

އެގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދަން ހަވާލުކުރި ގެދޮރުވެރިކަމުގެ މަޝްރޫއަށް އެޑްވާންސް ފައިސާއާއި މޯބަލައިޒްކުރުމުން ދޫކުރާ ފައިސާވެސް ހަވާލުކޮށްފައިވާއިރު، ހަނިމާދޫއާއި ގއ.ވިލިނގިއްްޔާއި ޅ.ހިންނަވަރުގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް އެ ކުންފުންޏަށް ދައުލަތުން ފައިސާ ހުރީ ދޫކޮށްފައެވެ. 

"އެޑްވާންސް ފައިސާ ނަގައިގެން މަސައްކަތް ކުރިއަށްނުދާތީ އަޅުގަނޑުމެން ކުޅުދުއްފުށީ މަޝްރޫއު ޓާމިނޭޓްކޮށްފައި، އަޅުގަނޑުމެން މިހުށަހެޅީ އެޑްވާންސް ޕޭމެންޓް ގެެރެންޓީ، އެވެސް މިއޮތީ އެއިރުގެ ސަރުކާރުން އެކްސެޕްޓްކޮށްފައި އޮތީ ކޮންޑިޝަނަލް ބޮންޑެއް، އަޅުގަނޑުމެން އޭތި ހޯދަން އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމުން އެބައޮތް ނުލިބޭނެކަމަށް ބުނެފައި. އެހެންވީމާ ހަގީގަތކުގައި އަޅުގަނޑަށް ނޭނގޭ އެ އެޑްވާންސް ރިކަވާކުރާނީ ކިހިނެއްކަން،" ޑރ.މުއްތަލިބު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ދޮންބޭޒް ކުންފުނިން ގިނަ އަދަދެއްގެ ހައުސިން މަޝްރޫއުތައް ނަގާފައި ހުރީ މާކެޓު ރޭޓަށްވުރެ ކުޑަ އަގުތަކެއްގައެވެ. އަދި އެ މަޝްރޫއުތަކުގެ އެޑްވާންސް ފައިސާ ނެގުމަށްފަހު އެ ފައިސާއިން ކުރީ ކޮން ކަމެއްތޯ ބަލަންޖެހޭކަމަށާއި، އެއްވެސް މަޝްރޫއެއް ހިންގުމަށް ކަނޑައެޅި ރަށެއްގައި މަސައްކަތް ކުރިއަށްގޮސްފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެހެންވީމާ ސަރުކާރުން މަސައްކަތް މިކުރަނީ އެ އެއްޗެހި ޓާމިނޭޓުކޮށްގެން އެހެން އުސޫލެއްގެ ތެރެއިން އެ މަޝްރޫއުތައް ކުރިއަށްގެންގޮސް ނިންމުމަށް،" ވަޒީރު ވިދާޅުވިއެވެ. 

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ރަޝީދުގެ ކުންފުނި ދޮމްބޭޒް ޕްރައިވެޓް ލިމިޓެޑާ އަތޮޅު ތެރޭގައި ގެދޮރު ބިނާކުރުމުގެ ހަ މަޝްރޫއެއް ފާއިތުވި އެމްޑީޕީ ސަރުކާރުން ހަވާލުކުރިއެވެ. އެ މަޝްރޫއުތަކުގެ އަގު 705 މިލިއަން ރުފިޔާއަށް އަރައެވެ. 

މި މަޝްރޫއުތަކުގެ ތެރެއިން އެންމެ މަޝްރޫއެއް ފިޔަވައި އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް އެ ކުންފުންޏަށް ކުރިއަށްގެންގޮސް ނިންމައިލެވިފައިނުވާކަން އެމްޑީޕީގެ ސަރުކާރުން 2023 ވަނަ އަހަރު މީޑިޔާއާ ހިއްސާކުރި މައުލޫމާތުތަކުން އެނގެއެވެ. 

ކިޔުންތެރިންގެ ހިޔާލު