ENGLISH

13 ޖުލައި 2026

Advertisement

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ސައިންސްގެ ދާއިރާއިން ކިޔަވަނީ އެންމެ 11 އިންސައްތަ ދަރިވަރުން

13 ޖުލައި 2026

|

އާމިނަތު ނުޒްލާ

މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވަޒީރު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މަތީ ތައުލީމު ހާސިލުކުރަމުންދާ 28،000 ދަރިވަރުންގެ ތެރެއިން ސައިންސްގެ ދާއިރާއިން ކުރިއަށްދަނީ އެންމެ 11 އިންސައްތަ ދަރިވަރުންކަން ފާހަގަކުރައްވައި، އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާއުި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ 51 އިންސައްތަ ހިއްސާކުރަނީ ވިޔަފާރި، ހިންގުން އަދި ގާނޫނީ ދާއިރާއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއިން ކިޔަވަމުންދަނީ ކޮންމެ ދާއިރާއަކުން ގާތްގަނޑަކަށް 14 އިންސައްތަ ދަރިވަރުންނެވެ.

ސައިންސްގެ ރޮނގުން ކުރިއަށްދާ ކުދިންގެ އަދަދު މަދުވުމުގެ މައިގަނޑު ސަބަބަކީ، މީގެ ކުރިން އޯލެވެލް އިމްތިހާނުގައި ހިސާބު މާއްދާ ދޫކޮށްލުމުގެ އިޚްތިޔާރު ދަރިވަރުންނަށް އޮތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެ ނިންމުން ބަދަލުކޮށް، ހިސާބަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، އޭގެ ހެޔޮ ބަދަލު ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ފެންނަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ބަދަލުގެ ހަގީގީ ނަތީޖާ ފެނުމަށް ތިން ހަތަރު އަހަރު ނަގާނެ. އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުވެގެންދާނެ" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސާނަވީ އަދި މަތީ ސާނަވީ ތައުލީމަށްފަހު ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތުތައް ތަނަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ލިބިފައިވާ މި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ގައުމަށް ބޭނުންތެރި ދާއިރާތަކުން ކުރިއަށް ދިއުމަށް ހުރިހާ ދަރިވަރުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު