ENGLISH
13 ޖުލައި 2026
"މި މަހުގެ ފަހުކޮޅު ބޮޑުހިލައިގެ ތާށިކަން ހައްލުވެ މަޝްރޫއުތަކުގެ ދުވެލި ހަލުއިވެގެންދާނެ"
13 ޖުލައި 2026
|
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް
އެންމެ މަޤްބޫލު
ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތައް މި މަހުގެ ފަހުކޮޅާ ހަމައަށްދާއިރު ހައްލުވެ، މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑަައިގެން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ބޮޑުހިލަ ހޯދުމުގެ މަރުހަލާގައި ވަރަށް ގިނަ މަޝްރޫއުތައް އެބަ ހުއްޓެވެ. ވަޒީރު ވިދާޅުވީ މަޝްރޫއުތައް މަޑުޖެހިފައިވަނީ ހިލަ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅިގެންކަމަށެވެ.
"ހިލަ ލިބެންފެށީމަ ވަރަށް ގިނަ މަޝްރޫއުތައް ވަރަށް އަވަހަށް ނިންމާލެވޭނެ، އެމްޓީސީސީން އިއްޔެވެސް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވި މި މަހުގެ ފަހުކޮޅުން ފެށިގެން އެބޭފުޅުންނަށް ބޮޑުހިލަ އެއްވެސް ތާށިކަމެއްނެތި ގެނެވޭނެއޭ، އޭރުން މަސައްކަތް އަވަސްކޮށްލެވޭނެ،". ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް މަޖިލީހުގެ ތަޅުމުގައި ވަޒީރު މި ސުވާލަށް ޖަވާބުދާރީވެވަޑައިގެންފައިވާއިރު އޭރު އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެ އަށް އާއްމުކޮށް ހިލަ ގެންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަމަށާއި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމުން ރާއްޖެއަށް ހިލަ ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިންޑިއާ އިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، ބައެއް މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި،" ވަޒީރު އޭރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް އިމްޕޯޓުކުރަމުން އައި މުދާ އެހެން ސަރަހައްދުތަކުން ގެނެވޭނެ އިންޒާމު ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަވަށްޓެރި އިންޑިއާއިން ވަނީ ހާއްސަ އަގުތަކެއްގައި ރާއްޖެއަށް ހިލަޔާއި ހިލަވެލި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ މި ފަހުން ބުނެފައެވެ.