ENGLISH
13 ޖުލައި 2026
ކުދި ޤައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ފަހިކޮށްނުދޭނަމަ، ކުރިއެރުން ހޯދުމަށް އޮންނަ ޝައުގުވެރިކަން ކުޑަވާނެ: އިންފަންޓީނޯ
12 ޖުލައި 2026
|
ވޯލްޑް ކަޕުގެ ޓްރޮފީ އާއެކު ފީފާގެ ރައީސް އިންފަންޓީނޯ -- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ކުދި ޤައުމުތަކަށް ފީފާ ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްނުދޭނަމަ، އެ ޤައުމުތަކުން އިތުރު ކުރިއެރުން ހޯދުމަށް އޮންނަ ޝައުގުވެރިކަން ކުޑަވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ފީފާގެ ރައީސް އިންފަންޓީނޯ މިހެން ވިދާޅުވީ، ސްވިޒަލެންޑްގެ މީޑިއާއެއް ކަމަށްވާ، "ބްލޫވިން" އަށް ދިން އިންޓަވިއުއެއްގައެވެ.
އިންފަންޓީނޯ ވިދާޅުވީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމުގެ ފުރުސަތު އޮތްތޯ ފީފާގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.
"މިއީ މިފަހަރުގެ ވޯލްޑް ކަޕަށްފަހު ކަމާގުޅޭ ކޮމިޓީތަކުގައި ކަނޑައެޅިގެން ދިރާސާކޮށް މަޝްވަރާ ކުރެވޭނެ ކަމެއް،" އިންފަންޓީނޯ ވިދާޅުވިއެވެ.
ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި ކާބޯ ވާޑޭގެ ކުޅުންތެރިން މެޗަކަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
ފީފާގެ ރައީސް ވިދާޅުވީ، ވޯލްޑް ކަޕެއް ބާއްވާއިރު، އެއީ ހަމައެކަނި ޔޫރަޕަށާއި ދެކުނު އެމެރިކާ ސަރަހައްދަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ވެގެން ނުވާނެ ކަމަށެވެ. އެ މުބާރާތަކީ، މުޅި ދުނިޔެއަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތަކަށް ވާން ޖެހޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
"ކޮންމެ ޤައުމަކަށްވެސް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ހުވަފެން ދެކުމުގެ ފުރުސަތު އޮންނަންޖެހޭނެ. މިހާރު ފެންނަމުންދާ ގޮތުގައި ޓީމުތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެ، މުޅި ދުނިޔޭގައިވެސް ފުޓްބޯޅަ އަންނަނީ ކުރިއަރަމުން. ކުދި ޤައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ނުދޭނަމަ، އެ ޤައުމުތަކުގެ ފެންވަރު މަތިކޮށް، އިތުރު ކުރިއެރުން ހޯދުމަށް އޮންނަ ޝައުޤުވެރިކަން ކުޑަވާނެ." ފީފާގެ ރައީސް ފާހަގަކުރެއްވިއެވެ.
ވޯލްޑް ކަޕުގެ މާޒީއަށް ބަލާއިރު، 1998 އިން 2022 އާ ދެމެދު ވޯލްޑް ކަޕްގައި ވާދަކުރަމުން އައީ 32 ޓީމެވެ. މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ މުބާރާތަކީ 48 ޓީމާ އެކު ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.
އެގޮތުން، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ މުބާރާތުގައި 104 މެޗުގެ ތާވަލުން މިހާރު ބާކީ އޮތީ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗެވެ. މުބާރާތުގައި ސެމީގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާއި ރަނަރަޕް ފްރާންސްގެ އިތުރުން އިންގްލެންޑާއި ސްޕެއިނެވެ. މިއީ ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ހަތަރު ޤައުމެވެ.
ވޯލްޑް ކަޕުގައި މޮރޮކޯ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ފީފާގެ ރައީސް ބައްލަވާލައްވަނީ -- ފޮޓޯ: އަލްޖަޒީރާ
މިއަހަރުގެ މުބާރާތުގައި 48 ޓީމާއެކު ކުރިއަށްގެންދެވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިންފަންޓީނޯ ސިފަކުރެއްވިއެވެ.
"ހުރިހާ ޓީމަކުންވެސް ވަރަށް މަތީ ފެންވަރެއްގައި ކުޅުނު. ކޮންމެ ބައްރަކުން ބައިވެރިވި ޓީމުތަކުންވެސް ލަނޑު ޖަހައި، މަދުވެގެން އެއް ޕޮއިންޓް ހޯދި. އެފްރިކާގެ 10 ޓީމުގެ ތެރެއިން 9 ޓީމެއް ނޮކައުޓް ބުރަށް ދަތުރުކުރި. މީގެ ކުރީގެ ވޯލްޑް ކަޕްގައި އެފްރިކާއިން ބައިވެރިވީ އެންމެ 5 ޓީމު. މީގެއިން އެނގެނީ ހުރިހާ ޓީމުތަކެއް ހިމެނުމާއި، އެފަރާތްތަކަށް މިފަދަ ފުރުސަތެއް ދިނުމުގެ މުހިންމުކަން،" އިންފަންޓީނޯ ވިދާޅުވިއެވެ.
2030 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފީފާ ވޯލްޑް ކަޕް ބާއްވާތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކި ބައްރުތައް ހިމެނޭ ގޮތަށެވެ. އެގޮތުން، ފުރަތަމަ ތިން މެޗު އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި (ކޮންމެ ޤައުމެއްގައި އެއް މެޗު) ކުޅުމަށްފަހު، ބާކީ ހުރި މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯސްޓު ޤައުމުތައް ކަމަށްވާ، މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިނުގައެވެ.
އެހެންނަމަވެސް، މިއަހަރުގެ ފީފާ ވޯލްޑް ކަޕުގައި ކުޅުނު 48 ޤައުމުގެ ބަދަލުގައި ދެން ކުރިއަށް އޮތް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 ޓީމަށް އިތުރުކޮށްފިނަމަ، ދެކުނު އެމެރިކާގެ ޤައުމުތަކުގައި ހަމައެކަނި އެއް މެޗު ބޭއްވުމުގެ ބަދަލުގައި، ކޮންމެ ޤައުމެއްގައި ހަތަރު ޓީމު ހިމެނޭ ގްރޫޕެއްގެ މެޗުތައް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.