ENGLISH
13 ޖުލައި 2026
ފްރާންސްގެ ކުޅުންތެރިން ސްޕެއިން ދެކެ ބިރެއް ނުގަނޭ، އެކަމަކު އެ ޓީމަށް އިހުތިރާމުކުރާނެ
12 ޖުލައި 2026
|
ފްރާންސްގެ ފަރިތަކުރުންތަކުގައި ކޮނާޓޭ (ވ) އާއި ޑުއޭ ބައިވެރިވަނީ -- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ދެކޮޅަށް ނުކުންނަ ސްޕެއިން ދެކެ ފްރާންސްގެ ކުޅުންތެރިން ބިރު ނުގަންނަ ކަމަށާއި، އެކަމަކު އެ ޓީމަށް އިހުތިރާމުކުރާނެ ކަމަށް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ބުނެފިއެވެ.
ކޮނާޓޭ ދެއްކި ވާހަކައިގައިވަނީ، ސްޕެއިންގެ ފެންވަރާއި، އެ ޓީމުގެ ޑިފެންސްލައިނާ މެދު ސަމާލުވާންޖެހޭނެ ކަމަށް ފާހަގަކޮށްފައެވެ.
ފީފާ ވޯލްޑް ކަޕުގެ ޓްރޮފީ ދެވަނަ ފަހަރަށް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ސްޕެއިނުން މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެއީ، އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން 2-1 އިން މޮޅުވި މެޗުގައެވެ.
"އެއްވެސް ބަޔަކުދެކެ ބިރުގަނެގެން ނުވާނެ. އެންމެ ފުރިހަމައަށް އެ މެޗަށް ތައްޔާރުވަމުން މިދަނީ. މެޗުގެ ނަތީޖާ އަހަރެމެން ކޮޅަށް އަނބުރާލެވޭނެ ކަމަށް އުންމީދުކުރަން." ކޮނާޓޭ ބުންޏެވެ.
ވޯލްޑް ކަޕުގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި މެޗުގައި މެރީނޯ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: އޭޕީ
މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮނާޓޭ ބުނީ، ސްޕޭނަކީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އިންޑިވިޖުއަލް މޮޅު ކުޅުންތެރިން ތިބި ތަފާތު ޓީމެއް ކަމަށެވެ.
"ލަމީން [ޔަމާލް] އަކީ މޮޅު ކުޅުންތެރިއެއް. އެހެންވިޔަސް ހަމައެކަނި އެންމެ ކުޅުންތެރިއަކަށް ފްރާންސުން ސަމާލުކަން ނުދޭނެ." ކޮނާޓޭ ބުންޏެވެ.
ފާއިތުވި ހަތް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ފަހަރު ފްރާންސް ވަނީ ފައިނަލުގައި ކުޅެފައެވެ. އެހެންކަމުން، ކުރިއަށް އޮތް ޝަރަފުވެރި ފައިނަލް މެޗުން ފްރާންސަށް ޖާގަ ލިބިއްޖެނަމަ، އެޓީމު ވެގެންދާނީ 1974 އާއި 1990 އާ ދެމެދު ހަތަރު ފަހަރު ފައިނަލުގައި ކުޅުނު ހުޅަނގު ޖަރުމަނާ އެއްފަދަ ކާމިޔާބު ޓީމަކަށެވެ. ނަމަވެސް ކޮނާޓޭ ބުނީ، ކުރިމަގުގައި ވެދާނެ ގޮތަކާ މެދު ވިސްނައި، ވަގުތު ބޭކާރު ނުކުރާނެ ކަމަށެވެ.
މި މުބާރާތުގައި މިހާތަނަށް އެންމެ ވަރުގަދަކޮށް ފެނިގެންދިޔަ ސްޕެއިންގެ ޑިފެންސްލައިން ފޫއަޅުވާލާނެ ގޮތެއް ފްރާންސްގެ ހުނަރުވެރި ފޯވާޑުން ހޯދަންޖެހެއެވެ. އަނެއްކޮޅުން، އަރިމަތިން ޔަމާލްގެ ފަރާތުން ކުރިމަތިކުރުވާނެ ނުރައްކާތައް ހުއްޓުވުމަށްވެސް މަސައްކަތް ކުރަންޖެހެއެވެ.
ވޯލްޑް ކަޕުގެ މެޗެއްގައި ސްޕެއިނުގެ ޔަމާލް ކުޅެނީ -- ފޮޓޯ: އޭޕީ
"މިއީ ބިރުގަތުމެއް ނޫން، އެކަމަކު އެމީހުންގެ ހުނަރާ މެދު އަހަރެމެން ސަމާލުވާންޖެހޭ." ފްރާންސްގެ ޑިފެންޑަރު މެކްސެންސް ލެކްރޮއާ ބުންޏެވެ.
ލެކްރޮއާ ބުނީ، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި ބާކީ ހުރިހާ މެޗެއް ސްޕެއިނުން ކާމިޔާބުކުރި ކަމަށާއި، އެހެންކަމުން އެ ޓީމަށް ކުރަންޖެހޭ އިހުތިރާމް ދޭން ޖެހޭނެ ކަމަށެވެ. މޮޅު ކުޅުންތެރިން ތިބި ކަމުގައިވިޔަސް ސްޕެއިން އަތުން މޮޅުވާން ބޭނުންވާކަމަށް ލެކްރޮއާ ބުންޏެވެ.
ލެކްރޮއާ ބުނީ، ސްޕެއިނުގެ ޒުވާން ތަރި، ޔަމާލް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި، މި ފަހަރުގެ ވޯލްޑް ކަޕުގައި އިދިކޮޅު ޓީމުތަކަށް ނުރައްކާ ކުރެވޭނެ ކުޅުންތެރިއަކަށް އޭނާ ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، ޔަމާލް ހިމެނޭހެން މުޅި ސްޕެއިން ޓީމު ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި، ރަނގަޅަށް ޑިފެންސް ކުރަންޖެހޭނެ ކަމަށް ލެކްރޮއާ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިނާ ފްރާންސް ބައްދަލުކުރާ މެޗު އޮތީ މި މަހުގެ 15 ވާ ބުދަ ދުވަހުއެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން އެރޭ މެންދަމު 12 ޖަހާއިރުއެވެ.