ENGLISH
13 ޖުލައި 2026
ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި ސިނާ ދިފާއުކޮށްފި
13 ޖުލައި 2026
|
ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ތައްޓާއެކު ޔަނިކް ސިނާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ޖަރުމަނުގެ އެލެކްސެންޑަރ ޒްވެރެވް ބަލިކޮށް، ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި އިޓަލީގެ ޔަނިކް ސިނާ ދިފާއުކޮށްފިއެވެ. މިއީ ސިނާ ކާމިޔާބުކުރި ފަސްވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.
ފްރެންޗް އޯޕަން ކާމިޔާބުކުރުމަށްފަހު، ފުރަތަމަ ފަހަރަށް ވިމްބަލްޑަން ފައިނަލުގައި ކުޅުނު ޒްވެރެވް ވަނީ މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 7-6 އިން ޔާބުކޮށްފައެވެ. އެކަމަކު ސިނާ ވަނީ ފަހަތުން އަރައި އަނެއް ތިން ސެޓު ގެންގޮސް މެޗުން މޮޅުވެފައެވެ. މި ސެޓުތައް އޭނާ ގެންދިޔައީ 7-6، 6-3 އަދި 6-4 އިންނެވެ.
މެޗުގެ ތިންވަނަ ސެޓާ ހަމައަށް ދިޔައިރުވެސް ދެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެކަމަކު ތިންވަނަ ސެޓުގެ ތެރޭގައި ޒްވެރެވް ކަހާލައިގެން ވެއްޓުނު ހާދިސާއަށްފަހު، އޭނާގެ ކުޅުން ދަށްވެ، ސިނާ މެޗުގެ ކޮންޓްރޯލް ނެގިއެވެ.
ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލް މެޗަށްފަހު ޔަނިކް ސިނާ --- ފޮޓޯ: ރޮއިޓަރސް
އުމުރުން 24 އަހަރުގެ ސިނާ އަކީ ވިމްބަލްޑަންގެ ތަށި ހޯދި ފުރަތަމަ އިޓަލީ ކުޅުންތެރިޔާއެވެ. އަދި އޭނާ މިވަނީ މި ތަށި ދިފާއުކުރި މަދު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. އަދި މިއީ ޒްވެރެވްގެ މައްޗަށް ސިނާ ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ.
ކާމިޔާބީއަށްފަހު ވާހަކަދައްކަމުން ސިނާ ބުނީ، ޓެނިސް ކުޅެން ވިމްބަލްޑަންއަށްވުރެ ވަކިން ރަނގަޅު ތަނެއް ނެތް ކަމަށެވެ.
މި މެޗުގައި ޒްވެރެވްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްސަކޮށް ފުރަތަމަ ސެޓުގައި އޭނާ ދެއްކި ހުނަރުވެރިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުތަކުގައި ސިނާ ދެއްކި ހިތްވަރާއެކު، 3 ގަޑިއިރާއި 46 މިނެޓަށް ދެމިގެންދިޔަ މި މެޗު އޭނާ ކާމިޔާބުކުރިއެވެ.
ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޒްވެރެވް ބުނީ މިއީ މި ތަށި ހޯދިދާނެކަމަށް އޭނާއަށް ގަބޫލުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. ޒްވެރެވް ވަނީ މިފަހަކަށް އައިސް އޭނާގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.