ENGLISH
13 ޖުލައި 2026
ޝާޒް ވަލީދު، އަމީރަށް: ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ ތިޔައީ އެކެއް
12 ޖުލައި 2026
|
ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރަކީ ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ ބައިވެރިއެއް ކަމުގައި ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޝާޒް ވަލީދު، އަމީރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޝާޒް ވަލީދުގެ ފާޑުކިޔުން އަމީރަށް ރައްދު ކުރެެއްވީ ޑޮލަރު ނުލިބޭ ކަމަށް ބުނެ އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އަމީރު ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.
ރަޝިޔާއިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު ވަނީ އަމީރަށް ޓެގް ކުރައްވާ އޭނާ އަކީ ކުރީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ހަނދާންކޮށް ދެއްވާފަ އެވެ.
އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ޖެހި ފައިސާއާއެކު ކަޅުބާޒާރު އޮތީ އުފުލިފައި ކަމަށެވެ.
“ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ ތިޔައީ އެކެކެވެ،” ޝާޒް ވިދާޅުވި އެވެ.
ޑޮލަރުގެ ވާހަކަ އެމްޑީޕީން ދައްކާއިރު އެމްޑީޕީން ވަނީ އެ ޕާޓީގެ އެންމެ ފަހުގެ ސަރުކާރުގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައެވެ. ފައިސާ ޗާޕުކުރުމަކީ ގައުމީ ފައިސާގެ އަގު ވެއްޓޭނެ ސަބބެއްކަމަށް މާހިރުން ވިދާޅުވެ އެވެ. އެއާއެކު ބޭރުގެ ދަރަނި އިންތިހާއަށް އިތުރުވެ، ކައިރި ކައިރީ ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރަން ބޮޑެތި އަދަދުތަކުން ހަރަދުކުރަންޖެހުމަކީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެވެ.
މިދިޔަ ސަރުކާރަކީ އެންމެ ބޮޑު ދަރަނި އުފެއްދި އެއް ސަރުކާރެވެ.
ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 2018 ވަނަ އަހަރު ހުރީ 60.2 ބިލިއަން ރުފިޔާގައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 110.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއީ 50.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ބޭރުގެ ސީދާ ދަރަނި 20.3 ބިލިއަނުން 38.08 ބިލިއަނަށް އިތުރުވީ އެމްޑީޕީގެ ސަރުކާރުގަ އެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ބޭރުގެ ދަރަނި ދައްކަން އެކަނިވެސް ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އަދި އެތެރޭގެ ދަރަނިތައް ކުޑަކޮށް އިޤްތިސާދު ހަމައަކަށް އަޅުވަން ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ.