ENGLISH

12 ޖުލައި 2026

Advertisement

ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް!

12 ޖުލައި 2026

|

އާމިނަތު ނުޒްލާ

މާފުށި ޖަލު - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ދިވެހިރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ ކުށްވެރިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި ވެވޭ "ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުން" މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

ބަންގްލަދޭޝް ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުން ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބަދަހި ގުޅުމެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނީ އިޖުރާއަތްތައް ފުރިހަމަވުމާއެކު، އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އިންސާނީ ކަރާމާތަށް އިސްކަންދީގެން އެކުލަވައިލާ މި އެއްބަސްވުމުގެ ދަށުން، ކުށްވެރިންނަށް އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި އަމިއްލަ ގައުމުގައި ފުރިހަމަކުރުގެ މަގު ފަހިވެގެންދާނެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ތިބި ބަންގްލަދޭޝް ރައްޔިތުންގެ ހާލަތު ބެއްލެވުމަށްޓަކައި، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ޖަލުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ 44 ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ އާންމު ހާލަތު ވަނީ އޮޅުންފިލުއްވާފައެވެ.

ހައިކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، މާފުށީ ޖަލުގައި ތިބި 44 މީހުންގެ ތެރެއިން 34 މީހުންނަކީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. އަދި ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ. ހައިކޮމިޝަނަރުގެ ވަފުދުން ވަނީ ކޮންމެ ކުށްވެރިއަކާ ވަކިވަކިން ބައްދަލުކޮށް، ސިއްހީ ފަރުވާ، ކާބޯތަކެތި، އަންނައުނު އަދި ނިދުމުގެ އިންތިޒާމުތައް ހުރި ގޮތް ވަރަށް ގާތުން ބަލާފައެވެ.

މި ޒިޔާރަތަށްފަހު، ހައިކޮމިޝަނަރުގެ ވަފުދުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކޮށް، ކުށްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި ގާނޫނީ ގޮތުން އެމީހުންނަށް ލިބެންޖެހޭ ހިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކުގައި ދިރިއުޅޭ ކޮންމެ ބަންގްލަދޭޝް ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ރައްކާތެރިކުރުމަކީ އެ ގައުމުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބަންގްލަދޭޝް ހައިކޮމިޝަނުން މައުލޫމާތު އާންމުކުރި ނަމަވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު