ENGLISH
12 ޖުލައި 2026
ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
12 ޖުލައި 2026
|
ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ
އެންމެ މަޤްބޫލު
ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވަނީ ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވެފައެވެ. ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަކީ އެމަނިކުފާނުގެ ދުރުވިސްނޭ ލީޑާޝިޕްގެ ދަށުން ގަތަރުގެ ތަރައްގީއާއި ކުރިއެރުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ލާމަސީލު ޝަޚްޞިއްޔަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، ޝާހީ އާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީއަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލު ބިނާކޮށްދެއްވުން ހިމެނެއެވެ. މި ސްކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެވިފައިވާ ދިވެހި ސަރުކާރުގެ ސުކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ އިތުރަށް މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ ނުވަތަ ހުޅުމާލެ ބޮޑު މިސްކިތް އިމާރާތްކޮށްދެއްވުމުގައިވެސް ޝައިޚް ޙަމަދުގެ އެހީތެރިކަން ބޮޑެވެ.
ނަވާރަސަތޭކަ ނުވަދިހަ ފަހަކުން 2013 އަށް ޤަޠަރުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމަށް އައި އާދަޔާހިލާފު ކުރިއެރުމުގެ ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފައެވެ.