ENGLISH
11 ޖުލައި 2026
ޓިއުޝަނުގައި ހޭދަކުރާ ވަގުތު އިތުރު، މިއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް: ވަޒީރު ޝަފީއު
11 ޖުލައި 2026
|
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
އެންމެ މަޤްބޫލު
ސްކޫލުގައި ހަ ގަޑިއިރު ކިޔެވުމުގެ ވަގުތު ހޭދަކުރުމަށްފަހު ގެއަށްގޮސް 4 ގަޑިއިރާއި 6 ގަޑިއިރާ ދޭތެރޭ ޓިއުޝަނުގައި ވަގުތު ހޭދަކުރުމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރީންގެ ހަފުލާގެ ފުރަތަމަ ދަންފަޅީގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ދަރިވަރުން މިހާރަށްވުރެ ބޮޑަށް އެކުދިންގެ އުނެގެނުމަށް ޒިންމާވާން ޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ކިޔަވަން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވާން ޖެހޭ ކަމަށާއި އަމިއްލައަށް ޒިންމާ ނަގާނަމަ އެއީ އެކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްޤީވެގެންދާނެކަމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ، މިއަު މުޖުތަމައުގެ ތެރޭގައި ޓިއުޝަންގެ ސަގާފަތެއް އަށަގެންފައިވާކަމަށެވެ.
"ދަރިވަރަކު ހަ ގަޑިއިރުވަންދެން ސްކޫލުގައި ވަގުތު ހޭދަކޮށްފައި ގެއަށް މިދަނީ. ގެއަށް ގޮސް ގާތްގަޑަކަށް ހަތަރުގަޑިއިރާއި ހަ ގަޑިއިރާ ދެތެރޭ ވަގިތު ހޭދަކުރޭ ޓިއުޝަންގައި، މިއީ، ފުންކޮށް ވިސްނަންޖެހޭ ކަމެއް. ދަރިވަރުންނަށް މަދަރުސާއިން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގެނޭ ފިލާވަޅުގައި ކުދިން ބައިވެރިވުން ނުގެއްލޭފަދަ ގޮތަކަށް. ކުދިންނަށް ވިސްނާދޭން އެބަޖެހޭ، ކުލާހުގައި، މަދަރުސާގައި ކިޔަވައިދޭ ފިލާވަޅަށް ސަމާލުކަންދޭން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެހާ ގިނަ ވަގުތުތަކެއް ގޭތެރެއިން ޓިއުޝަނަށް ނެގޭކަމަށް ވާނަމަ ދަރިވަރުންގެ ދުޅަހެޔޮކަމަށް އޭގެ އަސަރުކުރާނެ ކަމަށާއި ކުޅިވަރުގެ އިތުރުން ހިތްއުފާވާ ކަންތައްތައް ހުސްވަގުތުގެ ބޭނުންހިފައި، އަމިއްލައަށް ވަގުތު މެނޭޖްކުރުމުގެ ކަންކަންވެސް ދަރިވަރުން ކުރަންޖެހޭ ކަމަށެވެ.
އުނގެނުމުގައި އަމިއްލައަށް އިސްނަގައި ކަންކަން ހޯދައި ބަލައި ދަސްކުރާ ދަރިވަރުންންގެ ސިކުޑީގައި ހަރުލުމުގެ އިންސައްތައަކީ ގާތްގަޑަކަށް 75އިންސައްތައާ ގާތްކުރާ އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެން މީހުންނަށް ބަރޯސާވެގެން، އެހެން މީހުންގެ އެހީތެރިކަމުގައި ސްޕޫންފީޑްކުރާ ކަމުގައިވާނަމަ، ކުދިންގެ ހިތުގައި، ކުދިންގެ ސިކުނޑީގައި އެ މާއްދާއާ ގުޅެ އިލްމް ހަރުލާފައި ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ. މިއީ، ވިސްނައި ބެލެނިވެރިންނާ ދަރިވަރުން ހޭލުންތެރިކޮށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް،" ކަންބޮޑުވުން ފާޅުކުރައްވައި ވަޒީރު ވިދާޅުވިއެވެ.
މުދައްރިސުންނަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، އެންމެންގެ ވިސްނުމާއި މަޤްޞަދަކަށް ވާންވީ، ކުލާހުގެ ތެރޭގައި ދެވޭ ފިލާވަޅުގެ ޒަރީއާއިން ދަރިވަރުން ބޭނުންވާ މިންވަރަށް އުނގަންނައިދިނުގެ ކަންތައްތައް ބައްޓަންކުރެވޭތޯ ބެލުން ކަމަށެވެ.
"މިހެން ނުވާކަމުގައިވާނަމަ އުނގަންނައިދިނުމުގެ ކަންތައްތައް ބަލިކަށިވެ ޓިއުޝަންގެ ސަގާފަތް މިހާރަށްވުރެ ބޮޑަށް ވަރުގަދަވާތަން ފެނިގެންދާނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އުނގެނުމުގެ ކަންކަމުގައި އެންމެން ގުޅިގެން ކުރާ މަސައްކަތަކުން ނޫނީ ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ. އެހެންވެ ސްކޫލާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.