ENGLISH

11 ޖުލައި 2026

Advertisement

ޕީއެންސީ ހިނގަނީ ދެފުށްފެންނަ ގޮތަށް، ރެކޯޑު އަދަދެއްގެ މެމްބަރުން ތިބީ އެހެންވެ: ފަލާހް

11 ޖުލައި 2026

|

އައިމިނަތު ޝަފާ

ޕީޖީ ލީޑަރު ފަލާހް މިއަދުގެ އިންތިހާބުގައި ވޯޓު ލައްވަނީ..

ކޮންރެސް ޕާޓީގެ އުމުރު ހަގުކަމާއެކުވެސް ޕާޓީގައި ރެކޯޑު އަދަދެއްގެ މެމްބަރުން ތިބީ އެތެރޭގެ ކަންކަން ދެފުށްފެންނަ ގޮތަކަށް ހިންގަމުންގޮސް މެމްބަރުންގެ އިތުބާރު ކަށަވަރުވެފައިވާތީކަމަށް ޕީޖީ ލީޑަރު އަދި އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. 

މެމްބަރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ކޮންރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް "އެމްއެމްޓީވީ" ން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހަގުކަމާއެކު ޕާޓީގައި މިވަގުތުވެސް 69،000 މެމްބަރުން އެބަތިބިކަމަށެވެ. މިއީ އިދިކޮޅު އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދަށް ވުރެ ވިހިހާހެއްހާ މެމްބަރުންގެ އިތުރުވުމެއްކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޕާޓީއަށް މެމްބަރުން ވަންނަ މިންވަރު އިތުރުވެފައިވާއިރު އެކަމުން ބުނެދެނީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ވެރިކަމުގައި ގެންނަ ބަދަލުތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރުކަމަށް ފަލާހް ވިދާޅުވިއެވެެ. 

މިއަދު ކުރިއަށްދާ ޕާޓީގެ އެތެރޭގެ އިންތިހާބުގައި 40،000 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. 

"ޕާޓީގެ އެތެރެ ހިނގަމުންދަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް، ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތުދީ ވަކި މީހެއްގެ ނުފޫޒުން ވަކި ކަމެއް ނުވާނެގޮތަކަށް އެއްވެސް ކަމެއް ބައްޓަންނުވެ، ޒުވާނުންނަށް ވެސް އިސްކަންދޭ ޕާޓީއެއް، ޕާޓީގެ އިސް މަގާމުތަކަށް ޒުވާނުން އައުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ޕާޓީއެއް، މިއީ ޕާޓީއެއްގެ އެތެރޭގައި މިހާތަނަށް ބޭއްވޭނެ އެންމެ ބިޔަބޮޑު އިންތިހާބު،". ފަލާހު ވިދާޅުވިއެވެ. 

ކޮންގްރެސް ޕާޓީއަކީ ހަރުދަނާ ލީޑަރޝިޕެއް އޮތް ޕާޓީއެއްކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ ރާއްޖޭގެ ބައެއް ޕާޓީތަކުގައި މެމްބަރުން ހަރުނުލައި ޕާޓީ އުވާލަން ޖެހޭ ހިސާބަށް ކަންކަން ދަނީ ދެފުށްފެންނަ ގޮތަކަށް ކަންކަން ނުކޮށް ކަންކަމަށް ނުފޫޒު ފޯރުވާތީކަމަށެވެ. 

"ސިޔާސީ މަސައްކަތް އެ ޕާޓީތަކުން ކުރާކަމަކަށް އަޅުގަނޑަކަށް ނުފެނޭ، ޕާޓީގެ އެތެރޭގެ އިންތިހާބުތައް ވަރުގަދަކޮށްފައި އިންސާފުވެރި ދެފުށްފެންނަ ގޮތަކަށް ކަންކަން ނުކުރާތީ ޕާޓީތަކަށް ރައްޔިތުން ވަނުމުގެ ޝައުގުވެރިކަން ނެތީ،އެހެންނަމަވެސް މި ޕާޓީގައި އެބައިނގޭ ޕާޓީގެ އެތެރޭގައި ވާދަކޮށްގެން މަގާމުތަކަށް އައުމުގެ ފުރުސަތު އެންމެންނަށް އެބަ ލިބޭކަން،". މެމްބަރު ވިދާޅުވިއެވެ. 

ސިޔާސީ ޕާޓީތައް ވަރުގަދަވެގެންދިއުމުން އެ ވަރުގަދަ ކުރެވިގެންދަނީ ގައުމުގެ ހިންގުންކަމަށް ވިދާޅުވެ، ފަލާހު ވިދާޅުވީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ ހަރުދަނާކުރުމަށް އިސްކަންދެއްވައިގެން މަސައްކަތްޕުޅު ކުރައްވާކަމަށެވެ. ރައްޔިތުން އެދޭގޮތަށް ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދޭނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަމަށް ފަލާހް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު