ENGLISH

11 ޖުލައި 2026

Advertisement

އެމްޑީޕީ އޮތީ ފެއިލްވެފަ، އެޕާޓީން އިޤްތިޞާދީ ވާހަކަ ދައްކަން ހެޔޮނުވާނެ: ޢަބްދުއްރަޙީމް

11 ޖުލައި 2026

|

ޢަލީ ޝަހީމް

އެމްއެމް ޓީވީގެ ލައިވް ކަވަރޭޖުގައި ޢަބްދުއްރަޙީމް ވާހަކަފުޅުދައްކަވަނީ. ޑޮލަރުގެ މައްސަލައިގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: އެމްއެމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޮތީ ފެއިލްވެފައި ކަމަށާއި، އެ ޕާޓީން އިޤްތިޞާދީ ވާހަކަދައްކަން ހެޔޮނުވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން "އެމްއެމް" ޓީވީން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އެމްޑީޕީން ވަނީ "ޑޮލަރެއްނެތް" މި ނަމުގައި ޖުލައި 12 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕެނަލް ޑިސްކަޝަންއެއް ބާއްވަން ނިންމައިފައެވެ. އެމްޑީޕީން ޑޮލަރާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ރޭވުމާއެކު ޢަބްދުއްރަޙީމް ވަނީ އެކަމާ ގުޅިގެން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެމްޑީޕީ އެއްކޮށް ފެއިލްވީ ކަމަށް. އެބޭފުޅުން އިގްތިސާދީ ވާހަކަ ދައްކަން ހެޔޮނުވާނެ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ޑޮލަރުގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމެއް ތަޖުރިބާކުރިއިރު، އެޕާޓީއަށް އިތުރަށް އެއްޗެއް ނުހޯދުނު ކަމަށެވެ. ހަމައެކަނި ކުރެވުނު ކަމަކީ ހޯދާފަ ހުރި އެއްޗެއް ބޭނުންކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރާއްޖޭގެ ވެރިކަމަށް 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ވަޑައިގެން ލެޕްޓޮޕަކާއި ފަޅުރަށަކުން ޤައުމުން ހިންގަވާނެކަމަށް ވިދާޅުވެ، ބަންދުކޮށްލީ ރާއްޖެއަށް ބޭރު ފައިސާ ލިބޭ ހުރިހާ ދޮރެެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

"ރާއްޖޭގެ މައި އެއާޕޯޓް ވިއްކާލީ. އޭރުގެ ޓުއަރިޒަމް މިނިސްޓަރު ވިދާޅުވެފަ އޮންނާނެ އެކަން ކުރެއްވީ ރައީސް ނަޝީދު 70 މިލިއަން ޑޮލަރު ހޯއްދަވަން ވެގެންނޭ. މިހާރުވެސް ބައްލަވާ. ދިރާގު މޭޖާ ޝެއާ ވިއްކާލީ. ފެން ކުންފުނީގެ ޝެއާ ވިއްކާލީ. މިއީ މި މީހުން ކުރި ކަންތަކަކީ. ދެން ރާއްޖޭގަ ކުރިކަމަކީ ޒަމާނުއްސުރެއް ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ވެރިކަމުގެ ތެރެއިން އުފައްދާފައި ހުރި އެސެޓެއް މޯގޭޖްކުރީ ދަރަނި ނަގަންވެގެން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.  

ރައީސް ނަޝީދުގެ ވެރިކަމުގައި ޤައުމުގެ އިޤްތިޞާދީ ޙާލަތު ގޯސްވެގެން އިދިކޮޅުގައި ތިބެ މުޒާހަރާއަށް ނުކުންނެވީ މަޖުބޫރުވެގެން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މިއަދު އެމްޑީޕީން މުޒާހަރާއަށް ގޮވާލީމަ ރައްޔިތުން ނުނުކުންނަނީ އޭރާއި މިހާރުގެ ތަފާތު ރައްޔިތުންނަށް އެނގޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ގަލްފު ސަރަޙައްދުގައި ބޮޑު ހަނގުރާމައެއް ކުރިއަށްދާއިރު ތެލު އަގު ބޮޑުވުމަކީ ވާނެކަމެއް ކަމަށާއި، އެކަމުގެ އަސަރު ކުރާނެ އެއް ޤައުމަކީ ރާއްޖެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެއީ ވަކި މީހަކު ވެރިކަމުގައި ހުންނަވައިގެން ނުވަތަ ވަކި މީހަކު ވެރިކަމުގައި ނުހުންނަވައިގެން ވާކަމެއް ނޫންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

އެމްޑީޕީއަކީ މީގެކުރިން 8 ބިލިއަން ރުފިޔާ މާލިއްޔަތު ޤާނޫނާ ޚިލާފަށް ޗާޕުކުރި ޕާޓިއެއް ކަމަށާއި، އެ ފައިސާ ދައުރުވާން ފެށުމުން ފައިސާގެ އަގަށް ބަދަލު އަންނާނެކަމީ އެންމެންނަށް އެނގޭ ޙަޤީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް ކުރި އެއްވެސް ކަމެއް ނެތްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ދަރަނީގެ ގޮތުގައި މިދިޔަ ދޮޅުމަހެއްހާ ދުވަސްތެރޭ ބިލިއަނެއްހާ ޑޮލަރު ދެއްކުމަކީ ރާއްޖޭގެ އިޤްތިޞާދު މެނޭޖްކޮށްގެން އިޤްތިޞާދު ހަރުދަނާވާކަމުގެ ހެއްކެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު