ENGLISH

11 ޖުލައި 2026

Advertisement

20 ވަނަ މަޖިލިސް ޕީއެންސީއަށް ލިބުމަކީ ދިވެހިންގެ ނަސީބު: ސައީދު

11 ޖުލައި 2026

|

އައިމިނަތު ޝަފާ

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ކޮންގްރެސް ޕާޓީއަށް ލިބުމަކީ ދިވެހިންގެ ނަސީބުކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ. 

ވަޒީރު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ކޮންގްރެސް ޕާޓީއަށް ނުލިބުނުނަމަ މިހާރު ރާއްޖެ ބަނގުރޫޓުވެދާނެކަމަށެވެ. 

"މި މަޖިލިސް ޕީ.އެން.ސީއަށް ލިބުނުކަން އެއީ ދިވެހިރާއްޖޭގެ ނަސީބު، އެހެންނޫން ނަމަ ރާއްޖެ ބަނގުރޫޓުވެފައި އޮންނާނީ، ރާއްޖެ ބަނގުރޫޓުވެފައި އޮންނާނީ، އެ ވާހަކަ އަޅުގަނޑު އެތައް ފަހަރަކު ދަންނަވައިފިން، ބައްލަވާ! 1.2 ބިލިއަން ޑޮލަރުގެ ދަރަންޏޭ މި ދެއްކީ 2 އަހަރުގެ ތެރޭގައި، ރާއްޖެ ބަނގުރޫޓުނުވެ،". މެދުއިރުމަތީގެ ނާޒުކު ހާލަތާއި ގުޅިގެން ދުނިޔޭގެ އިގްތިސާދު އޮތް ދަތި ދަނޑިވަޅުގައި ދަރަނިތައް ދައްކައި ރާއްޖެއިން އަޅަމުންގެންދާ ހަރުދަނާ މާލީ ސިޔާސަތުތަކަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަސާސީ މުދާ އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދެމުންދާއިރު ވެރިކަމާ ހަވާލުވީއިރު ދަރާ ވިކިފައިވާ ކުންފުނިތައް ސަރުކާރުގެ މަސައްކަތުން ކޮޅަށްޖަހާފައިވާކަމަށެވެ.  

" އެތައް ބައިވަރު ކުދި ވިޔަފާރިތަކެއް ދަރަނިވެފައި އޮއްވައި އެ ފަރާތްތަކަށް ވެސް ދަތި އުނދަގުލާ އެއްކޮށް ވެސް ފައިސާދެމުން، ރާއްޖޭގެ މިހިސާބަށް އައިމަ ދެއްތޯ ރާއްޖޭގެ ރޭޓިން އިމްޕްރޫވްވެގެން އެ އުޅެނީ. ކެތްތެރިކަމާ އެކު މަސައްކަތެއް ކުރެވުނީމަނޫންތޯ،". ވަޒީރު ވިދާޅުވިއެވެ.

މާލީ ހާލަތު ނާޒުކު ހާލަތެެއްގައި އޭރު އޮތްއިރު އިދިކޮޅު ފަރާތްތަކުގެ ކިބައިން އެންމެ ފުރަތަމަ ދުވަހުވެސް ފެނިގެންދިޔައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށި މަންޒަރުކަމަށް ވިދާޅުވިއެވެ. ވެރިކަމަށް މިވީ ދެ އަހަރާއި ބައިގެ ތެރޭގައި މާލީ އަނދަވަޅާ ދުރަށް ރާއްޖެ ގެންގޮސް މާލީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދައިދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މި ދަނޑިވަޅަކީ އިގްތިސާދު ބިނާކޮށް ހަރުދަނާކުރުމުގައި ވާދަވެރިންވެސް ސަރުކާރާ ބައިވެރިވެގެން މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު