ENGLISH

11 ޖުލައި 2026

Advertisement

55 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

11 ޖުލައި 2026

|

އައިމިނަތު ޝަފާ

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވުޒާރާއިން ވަނީ 55 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ޖުމްލަ 66 އިންސަައްތަ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކި އިމާރާތްތަކުގެ މަސައްކަތް އެކި މަރުހަލަތަކުގައި މިހާރު ކުރިއަށްދާ ކަމަށް ވުޒާރާއިން ބުންޏެވެ. 

ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަށުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ކައުންސިލް އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިޔަށްދާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް އިމާރާތް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. 

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތްތަކެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ފަށާނެ ތާރީހެއް ކަނޑައެޅޭނީ، އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރުމަށްފަހު ކަމަށް ވުޒާރާއިން ބުންޏެވެ. 

މި މަޝްރޫގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިމާރާތްތައް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ހަމަވާނެކަމަށް ވުޒާރާއިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު