ENGLISH

11 ޖުލައި 2026

Advertisement

2028 އަށް ނުކުންނާނީ އެއް ލައްކަ މެމްބަރުންނާއެކު: މެމްބަރު މުހައްމަދު އިސްމާއީލް

11 ޖުލައި 2026

|

އައިމިނަތު ޝަފާ

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

ދެ ހާސް އަށާވީހުގައި އޮންނަ ރިޔާސީ އިންތިހާބަށް ކޮންގްރެސް ޕާޓީން ނުކުންނާނީ އެއް ލައްކަ މެމްބަރުންނާއެކުގައި ކަމަށް ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

މެމްބަރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ކޮންރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް "އެމްއެމްޓީވީ" ން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ. ދެހާސް ނަވާރައިގައި 3،000 މެމްބަރުންނާއެކު އުފެއްދި ކޮންގްރެސް ޕާޓީގައި މި ވަގުތު 74،000 އަށް ވުރެ ގިނަ މެމްބަރުން ތިބިކަމަށް ކޮމިޝަނުގެ ދަފްތަރުން ދައްކައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް މީގެ ކުރިން މާލެއާއި އަތޮޅުތެރޭގައިވަނީ ކުރިއަށް ގެންގޮސްފައެވެ. 

މިކަންކަމަށް އިޝާރާތްކުރައްވައި މެމްބަރު މުހައްމަދު ވިދާޅުވީ ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ޕާޓީގެ ލީޑަރޝިޕުން ހާއްސަގޮތެއްގައި ރައީސް މުއިއްޒާއި ޕާޓީގެ މެމްބަރުންނާ ދެމެދުގައި އޮންނަ ބަދަހި ގުޅުންކަމަށެވެ. 

"މިއަދު ރައީސް މުއިއްޒުގެ އިރުޝާދާއެކު އަޅުގަނޑުމެންގެ އަމާޒަކީ ޕީއެންސީން 2028 ގައި ދެވަނަ ދައުރަކަށް ކުރިމަތިލާއިރު އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން ހަމަކުރުން، އެ އަމާޒަށް ދެވޭނެކަމާއިމެދު ޝައްކެއް ނެތް، މިއަދު އަދި އެވަރުގެ މަސައްކަތެއް ކުރެވޭނެ ހުސް ވަގުތެއް ނުލިބިގެން އެކަން ނުފެއްޓިފައި މި އޮތީ، އިރާދަކުރެއްވިއްޔާ ދެން އަންނަ މަޖިލިސް ބްރޭކްގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން،". މެމްބަރު ވިދާޅުވިއެވެެ. 

ޕާޓީއަށް މެމްބަރުން އިތުރުވަމުން އަންނަނީ އަދި ޕާޓީ ބަލައިގަންނަނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ވަރުގަދަވީމަކަމަށާއި އެމަނިކުފާނަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ތަރައްގީއާއި ކުރިއެރުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ދެވަނަ ވެރިޔަކު ދެން ދިވެހި ތާރީހު ދެކެފާނެކަމަށް ގަބޫލުނުކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އިދިކޮޅުގައި ތިއްބެވީ ސިޔާސީ ޕޯޑިއަމްތައް ފަޅުފިލުވާނެ، އަމަލާއި ބަސް ދިމާނުވާ ލީޑަރުންތަކެއްކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި މެމްބަރު ވިދާޅުވީ އަމަލާއި ބަސް ދިމާވާ ހަމައެކަނި ލީޑަރަކަށް ސިޔާސީ މައިދާނުގައި ހުންނެވީ ހަމައެކަނި ރައީސް މުއިއްޒުކަމަށް ދިވެހި ރައްޔިތުންވެސް ހެކިވާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު