ENGLISH
11 ޖުލައި 2026
އުމުރުން ދުވަސްވީ އާބާދީއަކަށް މިސްރާބުޖަހާފައިވާއިރު، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
11 ޖުލައި 2026
|
އެންމެ މަޤްބޫލު
ޢުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި، ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުން ދިނުމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނޭ ކަމަށެވެ.
ކެއަރ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދީ، ޢާއިލާތަކަށް، ވަކީން ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނެ ކަމަށެވެ.
މިފަދައިން މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީއަކީ، ޤައުމެއްގެ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެ މިއަދު މި ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރު ތަރައްޤީކޮށް، ހަރުދަނާ ސުމޭކު އިޤުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްޤީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާންޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އާބާދީގެ މައުލޫމާތު ރަށުފެންވަރުގައި އަދާހަމަކުރެވޭނެ އިދާރީ ދަފްތަރުތައް ހަރުދަނާކުރުމާއެކު، ހިންގުމުގެ ޚަރަދު ކުޑަކޮށް ދައުލަތުގެ ކުރުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ބޯހިމެނުން 2030 ވަނަ އަހަރު ކުރިއަށްގެންދަވަން ގަސްދުކުރައެްވަނީ، އިދާރީ ދަފްތަރުތަކާއި، ބޯހިމެނުމުގެ މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ޤާއިމުކުރެވޭ ހައިބްރިޑް އުޞޫލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖުގައި ހާމަކުރެއްވިއެވެ.