ENGLISH
11 ޖުލައި 2026
ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތައް ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް
11 ޖުލައި 2026
|
ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ބޮޑު އިންތިހާބުން އެހެނިހެން ޕާޓީތަކާއި ސިޔާސީ މަސައްކަތްކުރައްވާ ބޭފުޅުން ނަމޫނާ ނަންގަވައި، އެ ޕާޓީތަކުގެ އެތެރޭގައި އެފަދަ ހަރުދަނާ އިންތިހާބުތައް ބާއްވަންޖެހޭކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި، އެ ޕާޓީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުނުކުރައްވާ ދާއިރާތަކުގެ ދާއިރާ ރައީސުންނާއި މަޖިލީހުގައި ޕީއެންސީ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކުގެ ދާއިރާ ނައިބުރައީސުން އިންތިޚާބުކުރުމަށް ކުރިއަށްގެންދާ އިންތިޚާބެކެވެ.
މި އިންތިޚާބުގެ ބޮޑުކަންް ސިފަކޮށްދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، އަދި އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެ އިންތިޚާބަކީ މިއަދު ބާއްވާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބު ކަމަށެވެ.
"އަދި ހަމައާއެކު ފާހަގަކޮށްލަން ބޭނުންވޭ އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބަކީ މިއަދު މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބު. އެނގިވަޑައިގަންނަވާނެ 2086 މަގާމަށް މީހުން އިންތިޚާބުކުރަންްޖެހޭ. އެއަށްވުރެ މާގިނައިން އެބަތިބި ކުރިމަތިލާފައި އިނގޭތޯ؟ 131 ރަށު ދާއިރާތަކުގައި އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓައިގެން ވާދަވެރިކަމާއެކު ކުރިއަށްދޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މިފަދަ ބޮޑު އިންތިޚާބަކަށް ޕީއެންސީން ތައްޔާރުވުމަށް ހޭދަވީ މަހެއްހައި ދުވަސްކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ވޯޓުލުމުގެ ކަންކަން މިހައިހިސާބަށް އައިއިރު މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ މައްސަލަތަކެއް އުފެދޭ ވަރަށްވުރެ މާފުރިހަމަކޮށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީގެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވަމުންދާއިރު އެ ތައްޔާރީތައް ވިލަރެސްކުރުމަށް ހާއެްސަ ކޮމިޓީއެއް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވާފައިވާއިރު މިއަދުގެ އިންތިޚާބުގެ އިންތިޒާމުތައްވެސް ހަމަޖެހިގެންދިޔައީ އެ ކޮމިޓީގެ ބެލުމުގެ ދަށުންކަން ޗެއާޕާސަން ފާހަގަކުރެއްވިއެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ލީޑަރު ފާހަގަކުރެއްވީ ވެރިކަމުގައި އޮވެ މީގެ ކުރިން އެއްވެސް ޕާޓީއަކުން މިފަދަ ވާދަވެރި ބޮޑު އިންތިޚާބެއްގައި ބާއްވާފައި ނެތް ކަމެވެ. އަދި ޕީއެންސީއަށް ދައުރުގެ ތެރޭގައި މިފަދަ އިންތިޚާބެއް ބާއްވަން ކެރުނީ އެވަރުގެ އިތުބާރެއް އޮތުމުންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އިތުރަށް ޢަބްދުއްރަޙީމް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ގިނަ ޢަދަދެއްގެ މެންބަރުން ވާދަކުރުމުން ދައްކުވައިދެނީ ޕާޓީއާމެދު މެންބަރުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށެވެ.
"އެއީ ދެހާސް ތިންސަތޭކައެއް، ދެހާސް ހަތަރުސަތޭކައެއްހައި މީހުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގަައި ވާދަކުރުމަކީ އާދައިގެ ކަމެއް ނޫން. އެއިން ދައްކައިދެނީ ޕާޓީއާއި ޕާޓީގެ ވެރިކަމާއި ޕާޓީގެ ރައީސާމެދު އޮތް އިތުބާރު، އެމީހުންނަށް އޮތް ޔަގީންކަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުންގެ އިތުބާރު ޕާޓީއަށް އެހައި ބޮޑަށް އޮތް މައިގަނޑު ސަބަބަކީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީގެ ކަންކަން ހިންގުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި، އެކަމަށް ދެއްވާ ފުރުސަތުތަކެވެ.
އަދި އުންމީދަކީ ވީހާވެސް އޮމާންކަމާއެކު، އެއްވެސް ހަމަނުޖެހުމެއް ނެތި، އެހެނިހެން ޕާޓީތަކަށް ނަމޫނާއަކަށްވާނެ ގޮތަށް އިންތިޚާބުގެ ހުރިހާ ކަމެއް ނިމިގެންދިއުން ކަމަށެވެ. އަދި ޔަގީންކުރައްވަނީ މި އިންތިޚާބާއެކު އިތުރަށް ޕާޓީ ހަރުދަނާވެ ވަރުގަދަވެގެންދާނެ ކަމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.