ENGLISH

10 ޖުލައި 2026

Advertisement

ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަކީ ސްޕެއިނަށް ކުރިމަތިވާނެ އެންމެ އުނދަގޫ އިމްތިހާނު: ޑެ ލަ ފުއެންޓޭ

10 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ކޯޗު ޑެ ލަ ފުއެންޓޭ ވާހަކަ ދައްކަނީ -- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި މިރޭ ބެލްޖިއަމާ ދެކޮޅަށް ނިކުންނައިރު އެ މެޗަކީ މި ފަހަރުގެ މުބާރާތުގައި ސްޕެއިނުން ކުރިމަތިލަންޖެހޭ އެންމެ އުނދަގޫ އިމްތިހާނުގެ ގޮތުގައި އެ ޓީމުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ސިފަކޮށްފިއެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ބުނީ، ސްޕެއިނުން ކުޅެން ޖެހޭ ބެލްޖިއަމް ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ.

"މިއީ މިހާތަނަށް އަހަރެމެން ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ މެޗު،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެލަ ފުއެންޓޭ ފާހަގަކުރި ގޮތުގައި، ބެލްޖިއަމްގެ ސްކޮޑުގައި ހިމެނޭ ނިސްބަތުން ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ތަޖުރިބާލިބިފައިވާ، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކުޅުންތެރިންނެވެ.

ވޯލްޑް ކަޕުގައި ޕޯޗުގަލް އަތުން ސްޕެއިން މޮޅުވި މެޗުގައި ކެޕްޓަން، ރޮޑްރީ (މ) އާއި ފެރާން އަދި އޮލްމޯ އުފާފާޅުކުރަނީ --ފޮޓޯ: އޭޕީ

ސްޕެއިނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ، ވަރުގަދަ މެޗެއްގައި ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު އެވެ. މިހާތަނަށް ކުޅުނު މެޗުތަކުގައި ސްޕެއިން ކޮޅަށް ގޯލެއް ވަދެފައިނުވާއިރު، ވަކިވަކި މަގާމުތަކަށް ބެލިކަމުގައިވިޔަސް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި އެ ޓީމު ފެންނަނީ އިދިކޮޅު ޓީމުތަކަށް ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ މި މެޗު ކާމިޔާބުކުރާ ޓީމެއް އެންމެ ފަހުގެ ރަނަރަޕް ފްރާންސާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅެންޖެހިދާނެތީވެ، އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ބުނީ، މޮރޮކޯއާ ފްރާންސް ބައްދަލުކުރި މެޗު އޭނާ ބެލި ކަމަށާއި، އެ މެޗުގައި ފްރާންސުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިވަގުތު ސްޕެއިނުގެ ހުރިހާ އަމާޒެއް އޮތީ ބެލްޖިއަމް މެޗަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިވަގުތު ބެލްޖިއަމް ނޫން އެހެން ޓީމަކާ މެދު އަހަރެމެން ނުވިސްނަން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތާ ކުރިމަތިލިއިރު ސްޕެއިން ޓީމުން އެންމެ ވިދުން ގަދަވާނެ ކަމަށް ބެލެވުނު ލަމީން ޔަމާލްގެ ކުޅުމާ ގުޅޭގޮތުން ޑެ ލަ ފުއެންޓޭ ބުނީ، އޭނާގެ ކުޅުމުގައި ކުރިއަށްވުރެ ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންގޮސްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، އެންމެ ފަހުން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔަމާލްގެ ކިބައިން ފެނިގެންދިޔަ ދިފާއީ ކުޅުމަށް އޭނާ ތައުރީފުކުރިއެވެ.

ބެލްޖިއަމް މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން --ފޮޓޯ: އޭޕީ

އަދި، މުބާރާތުގެ ކުރިއަށް އޮތް ތާނގާއި، ޔަމާލްގެ ކިބައިގައި ހުރި އެޓޭކު ކުރުމުގެ ގާބިލްކަން ދައްކައި މެޗުތަކުގައި ތަފާތު ދައްކާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ.

"އެޓޭކުގައި އޭނާ [ޔަމާލް] ގެ ކޮލިޓީ ދައްކާނެކަން އެއީ ޔަގީން ކަމެއް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭގެ ވާހަކަ ނިންމާލަމުން ބުނީ، ސްޕެއިން ޓީމުގެ ކާމިޔާބީގެ އަސްލަކީ ވަކި ވަކި ކުޅުންތެރިންގެ ހުނަރުވެރިކަމަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ގުޅިގެން ކުރާ މަސައްކަތް ކަމަށެވެ. އަދި، ކޮންމެ ކުޅުންތެރިއަކުވެސް އަމިއްލަ ނަމަށްވުރެ އިސްކުރަނީ ޓީމު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކުއާޓާ ފައިނަލުގައި ސްޕެއިނާ ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު